ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މާލެ ސަރަަހައްދަށް ބަހާ މަސްދަޅު ނަގަންދާ ފަރާތްތަކަށް ދޫކުރަމުން އަންނަ ޓޯކަންގެ ޢަދަދު މިރޭ އިތުރުކުރަން ނިންމައިފި އެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު މިކަން އިއުލާނުކުރެއްވީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވީ، ރޭ ވަރަށް އޮމާން، ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު ކަމަށާއި، އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރަން އަލުން ފައްޓާ އިރު ބަދަލުތަކެއް ގެންނަވާނެކަމަށެވެ. އެ ގޮތުން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ ޢަދަދު ރެޔަށް ވުރެ އިތުރުކޮށް، މިހާރު ޓޯކަން ނަންގަވައިފައިވާ ފަރާތްތަކުގެ ތެރެއިން، ފަހުގެ ތާރީޚަކަށް ޓޯކަން ލިބިލައްވައިފައިވާ ފަރާތްތަކަށް ތާރީޚު އަވަސްކޮށް، ރީޝެޑިއުލްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.












