މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން މިމަހު ކުރިޔަށްގެންދަން ނިންމާފައިވާ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-2 ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ކޯސް ފަށަން ހަމަޖެހިފައިވަނީ، މިމަހުގެ 25ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައެވެ. އެމްޓީއައިއިން މިހާރު ވަނީ މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފަ އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.
ފުރިހަމަ ތަޖުރިބާކާރު އިލްމާއި ހުނަރު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ އަޒުމުގައި އެމްޓިއައިއިން ކުރިއަށްގެންދާ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން
އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ. 30 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގައި، ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަ ދައްކަން އިނގޭ އަދި ކޯހުގައި ކިޔަވައިދޭ ތަކެތި ފަހުމުވާވަރުގެ ކޮންމެ ފަރާތަކައްއްވެސް ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
މި ކޯހަކީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުން 24 މޭލާ ހަމަޔަށް ދަތުރުކުރެވޭ ކެޓެގަރީ-B,C އަދި D ގެ އުޅަނދުތަކުގެ ކެޕްޓަންުކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ.
ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެމްޓީއައިއިން، މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގިނަ ކޯސްތަކެއް ހިންގަ އެވެ. އޭގެތެރޭގައި ނިޔަމިކޯސް-1، ނިޔަމިކޯސް-2، މެރިން މެކޭނިކްކޯސް އަދި ފަޅުވެރިންގެ ކޯސް ހިމެނެއެވެ.