މަހުގެ ބާވަތްތައް އުފެއްދުމުގެ މަސައްކަތްކުރުމަށް މުލީން ދިގު މުއްދަތަކަށް ބީލަން އުސޫލުން ކުއްޔަށް ދިނުމަށް ނިންމައިފި އެވެ.
މުލީ ކައުންސިލުން ކުއްޔަށްދޭން ނިންމާފައިވަނީ، އެރަށުގެ މަސްބިން ނަންބަރު M-01، ބިމެވެ. އެއީ، 2000 އަކަފޫޓްގެ ބިމެކެވެ. އެބިން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 7 އަހަރުދުވަހުގެ މުއްދަތަކަށެވެ.
ބިންކުއްޔަށް ދިނުމުގެ ފުރުސަތު ކައުންސިލުން މިހާރު ހުޅުވާލާފައިވާއިރު، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަމަށް ކުރިމަތިލެވެއެވެ. ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން 23 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ކައުންސިލުގެ މެއިލް info@muli.gov.mv އަށް ނުވަތަ ކައުންސިލަށް ހުށަހެޅުމަށް ކައުންސިލް އިދާރާއިން އެދިފައި ވެއެވެ.
ބީލަން ހުށަހެޅުން އޮންނާނީ، 27 ނޮވެމްބަރ 2025 ވާ ބުރާސްފަތި 13:00 ގައި މ. މުލީ ކައުންސިލްގެ އިދާރާގައެވެ. ބީލަމުގައި ރަޖިސްޓަރ ނުކުރާ ފަރާތްތަކާއި ބިޑް ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.