ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) އިން އިއްޔެ ފަށައިފިއެވެ.
އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗް އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކު ކުރިޔަށްދާ މިހާރަކާތް ފެށުމުގެގޮތުން އިއްޔެ ހުޅުމާލޭގެ އިރުމަތީ ފަރުން ވަކިބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދާފައި ވެއެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މުރަކަ އާލާކުރުމުގެ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެކަމަށް އެޗްޑީސީއިން ބުނެފައި ވެއެވެ.
މުރަކަ އިންދުމުގެ މިހަރަކާތުގައި އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އީޕީއޭ އާއި އެމްއެމްއާރްއައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހަރަކާތާ ގުޅޭގޮތުން އެޗްޑީސީގެ އެމްޑީ ވިދާޅުވީ، އަމާޒަކީ ފޭސް އެކެއްގެ ޗެނަލްގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން ކަމަށެވެ.
އެޗްޑީސީން ފެށި މި ހަރަކާތަކީ، ކަނޑުގެ ދިރުންތައް އާލާކުރުމާއެކު، އެޗްޑީސީގެ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ. އެޗްޑިސީން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް އެ ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްކަމަށެވެ.