ސާޅީސް މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ނ އަތޮޅުން ފެށިގެން ފ އަތޮޅާ ހަމަޔަށެވެ. ހެނދުނު 11:45 އިން ފެށިގެން ހަވީރު 05:00 އާ ހަމަޔަށް މިސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްނެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި، ކުރިއަށްއޮތް 24 ގަޑިއިރުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ވިއްސާރަކުރާނެއެވެ. އެގޮތުން ބައެއް ވަގުތުތަކުގައި ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ. ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަނގަޅުވިނަމަވެސް، އެ ސަރަހައްދަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކޮށްފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑީއިރު މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި، މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ދެކުނުގެ ރަށްތަކަށް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.