މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު ހިންގޭ ފުރަތަމަ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ފަރުމަސް އާލާކުރުމުގެ ހުނަރު އުނގަންނައިދީ މިދާއިރާއިން މީހުން ބިނާކުރުމުގެ މަޤްސަދުގައިހިންގާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގެ ދަށުން ކ.މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިނގް ފެސިލިޓީގައި އަންނަ އަހަރު އަސާސީ މެރިކަލްޗަރ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. 14 ދުވަހުގެ މުއްދަތަށް ހިންގޭ މިކޯސް ކުރިޔަށްދަން ހަމަޖެހިފައިވަނީ 24 ޖެނުއަރީ 2026 އިން 05 ފެބްރުއަރީ 2026 ގެ ނިޔަލަށެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރުވަނީ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން 11 ޖެނުއަރީ 2026 ވަނަ ދުވަހުގެ 14.00ގެ ކުރިން މިކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއި އެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން އެދިފައި ވެއެވެ.
ކޯހުގައި ބައިވެރިވާން ބޭނުންވާ ފޯމު ފިޝަރީޒް މިނިސްޓްރީން މިކަމާ ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނާއެކު އެއްކަރުދާސްކޮށްފައި ވެއެވެ. ފޯމް އީމެއިލް ކުރަންޖެހެނީ info@mmri.gov.mv އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަަޅައިފިނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މިކޯހުގައި، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް އެ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދީފައި ވެއެވެ.
މިދިޔަ 2 އަހަރު ތެރޭގައި އަސާސީ މެރިކަލްޗަރ ކޯހުގެ 4 ބުރެއް ކުރިއަށްގެންގޮސްފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އަންހެން ބައިވެރިންވެސް ހިމެނޭގޮތައް 53 މީހުން ތަމްރީންވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.