މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ޔޫކޭގެ މައި ބަޔަރަކާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރަން ތައްޔާރުވަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޔޫކޭ އަދި ޔޫރަޕްގެ ގައުމުތަކުން މިފްކޯ ”ބްލެކްލިސްޓް“ ކޮށް އަދި ”ބޭން“ކޮށްފައިވާކަމަށްބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރުމާއި ގުޅިގެން، އެޚަބަރު ދޮގު ކުރައްވައި މިނިސްޓަރުގެ ޓްވިޓާގައި ހިއްސާކުރެއްވި ޕޯސްޓެެއްގައި ވިދާޅުވެފައިވަނީ، ޔޫކޭ ބަޔަރު މިފްކޯއާއެކު މަޝްވަރާކުރުމަށް އަންނަ ހަފުތާގައި ރާއްޖެ އަންނަކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާކަމަށެވެ. މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ޔޫކޭއިން މިފްކޯއާއެކު ވިޔަފާރީގެ މުއާމަލާތްކުރުން ހުއްޓާނުލާކަން އިތުރަށް ކަށަވަރު ކޮށްދެއްވުމުގެ މަގުސަދުގައިކަމަށް ބެލެވެއެވެ.
ރާއްޖޭގެ ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ، އޮޑިޓަކުން ފެއިލްވުމާއި ގުޅިގެން ޔޫކޭ އަދި ޔޫރަޕްގެ ގައުމުތަކުން މިފްކޯ ”ބްލެކްލިސްޓް“ ކޮށް ”ބޭން“ ކޮށްފައިވާކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އެ ޚަބަރުގައި ހިއްސާކޮށްފައިވާ ދޮގު މައުލޫމާތުކަމަށެވެ.












