މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އާއި އިނގިރޭސި ވިލާތުގެ ޕްރިންސަސް ގްރޫޕާ ދެމެދު މަސްގަތުމާބެހޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މި އެމްޔޫއާ ގުޅޭގޮތުން މިއަދު މިފްކޯއިން އާންމުކުރި ނޫސްބަޔާނުގައި ބުނާގޮތުންނަމަ މިފްކޯއާއި ޕްރިންސަސް ގްރޫޕާ ދެމެދު ދިގު މުއްދަތުގެ ވިޔަފާރީގެ މުއާމަލާތްް ގާއިމުކުރުމަށް ދެފަރާތުން އެއްބަސްވެފައި ވެއެވެ. މި މުއާމާލާތުގައި ދެފަރާތައް އެއްބަސްވެވޭ މިންގަޑެއްގެތެރެއިން ގަނޑުކުރި ކަނޑުމަހާއި، ފެލިވަރުގައި އުފައްދާ ފަސްމީރު ބްރޭންޑްގެ ދަޅުމަހުގެ ބާވަތްތައް ގަތުންވެސް ހިމެނެއެވެ. މީގެއިތުރުން، މިއެއްބަސްވުމުގައި ހިމެނިގެން މަސްގަތުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި، ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށް މަަސައްކަތް ކުރާނެކަމަށް މިފްކޯގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
މިފްކޯގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް(ރިޓަޔާޑް) ފަރުހަތު ޝަހީރުއެވެ. ޕްރިންސަސް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ގްރޫޕްގެ ޗީފް ޕާޗޭސިންގް އޮފިސަރ ނީލް ބޮހަނަންއެވެ. މި އެމްއޯޔޫގައި ދެފަރާތުން ސޮއިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށް ބުނިނަމަވެސް، ސޮއިކުރީ ކޮންތާކުކަމެއް މިފްކޯއިން ހާމަކޮށްފައެއް ނުވެއެވެ.
އިތުބާރުހުރި މަސްދަރުތަކުން ކެޔޮޅާއަށް ކަށަވަރު ކުރެވިފައިވާގޮތުގައި، މި އެމްއޯޔޫގެ ދަށުން ޕްރިންސަސް ގްރޫޕުން މިފްކޯއިން ކޮލިޓީކޮށް މަސްގަތުމުގެ އިތުރަށް، މަސްވެރިންނަށް ތަމްރީންތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ގަންނަ މަސް ދެބައި މީހުން އެއްބަސްވާ މިންގަޑުތަކެއްގައި ގަތުމުގެ ސަބަބުން ކޫއްޑޫއިން ބޯޓް ފުރުމުގެ ކުރިން ރިޖެކްޝަންގެ މައްސަލަ ނިންމޭގޮތައް ދެފަރާތް ގުޅިގެން މަސައްކަތްކުރަން އެއްބަސްވެފައި ވެއެވެ. އަދި، ރާއްޖޭގައި މިހާރު ހިންގަމުންދާ ކޯލްޑް ސްޓޯރޭޖާއި ކޭނަރީ އެކްސްޕޭންޝަން މަޝްރޫއުތަކުގެ ނަތީޖާ ނިކުންނަމުންދާގޮތުން ޕްރިންސަސް ގްރޫޕަށް ވިއްކާ މަހުގެ“ ޕްރޮސެސްޑް ވޮލިއުމް ރޭޝިއޯ“ މަތިކުރެވޭގޮތައް އެއްބަސްވެފައި ވެއެވެ. ”ޕްރޮސެސްޑް ވޮލިއުމް ރޭޝިއޯ“ އަކީ، ފްރޯޒެން ޓޫނާ އާއި ޕްރޮސެސްޑް ޓޫނާ ވޮލިއުމްއާ ދޭތެރޭ އިންނަ ފަރަގެވެ.