ދ. މާދެލީގައި ދުވާލަކު 50 ޓަނުގެ މަސް ޕްރޮސެސްކުރެވޭވަރުގެ ފެސިލިޓީއެއް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފި އެވެ.
މި ފެސިލިޓީ ގާއިމުކުރަނީ، ދިވެހިރާއްޖޭގައި މަސް ލޭންޑިންގ، ޕްރޮސެސިންގ އެންޑް ސްޓޯރޭޖް ފެސިލިޓީސް ތަރައްޤީކޮށް ފައިނޭންސް ކުރުމަށް ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެކު މިއަދު ފިޝަރީޒް މިނިސްޓްރީން ސޮއިކުރި އެއްބަސްވުމުގެ ދަށުންނެވެ. މިިނިސްޓަރު އަހްމަދު ޝިޔާމް ސޮއިކުރެއްވި މިއެއްބަސްވުމުގެ ދަށުން، މާދެލީގައި ދެ ފިޔަވައްސަކަށް ބަހާލައިގެން މަޝްރޫއުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން، ފުރަތަމަ މަރުހަލާގައި މަސްކިރުމާއި ކެރިއާ ބޯޓުތައް ލޭންޑިންގެ ފެސިލިޓީއަކާއެކު ޚާއްސަ ބަނދަރެއް ތަރައްގީކުރުމާއި، އެކޮމޮޑޭޝަން ގާއިމުކުރުމާއި، މަގުތައް ތަރައްގީ ކުރުން ހިމެނެއެވެ. އަދި، މަސްގަނެ ފިނިކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި، 1،500 ޓަނުގެ މަސް ރައްކާކުރެވޭނެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުން ހިމެނެއެވެ.












