މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން މަސްވެރިން އަތުން ގަންނަ މަހަށް 48ގަޑީއިރުން ފައިސާ ދައްކަން ފެށިތާ ފަސް މަސްދުވަސް ވެފައިވާއިރު، މިމުއްދަތުގެ ތެރޭގައި މަސްވެރިންނަށް 76.4 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިފްކޯގެ ފެސިލިޓީތަކަށާއި، ކެރިއަރުތަކުން މަސްވެރިން އަތުން ގަންނަ މަހަށް، މަސް ކިރާތާ 48 ގަޑީއިރުގެތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިފްކޯއާއި، ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މަސްވެރިން އަތުން ގަންނަ މަހަށް މެދު ނުކެނޑި ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްފަހު މަސްވެރިންނަށް 48 ގަޑީއިރުން ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
10 ޑިސެންބަރުން ފެށިގެން މިފްކޯއިން ދަނީ، މަސްވެރިންގެ ބިލުތަކަށް ބަރާބަރަށް މެދުނުކެނޑި 48 ގަޑީއިރުގެ ތެރޭގައި ފައިސާ ދައްކަމުންނެވެ. އަދި، އޭގެ އެތަފުސީލުތައް އެކުންފުނީގެ ސޯޝަލް މީޑީއާ ޕްލެޓްފޯމްތަކުގައި ހާމަކޮށް، އަދި މީޑިއާތަކާވެސް ދުވަހުން ދުވަހަށް ދަނީ ހިއްސާކުރަމުންނެވެ. މިހާތަނަށް އެކުންފުނިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އިނގޭގޮތުގައި ޑިސެންބަރު 10 ވަނަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް( ފަސް މަސް) މިފްކޯއިން 76.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ވެއެވެ. އެއީ، 8 ޑިސެންބަރުން ފެށިގެން މެއި މަހުގެ 8 ވަނަ ދުވަހާ ހަމަޔަށް މަސްވެރިން ވިއްކި މަހަށްވާ ފައިސާ އެވެ. އެ މުއްދަތުގައި 1،116 ދޯންޏަކުން 5،863.23 މެޓްރިކް ޓަނުގެ މަސް މިފްކޯއިން ގަނެފައިވެއެވެ. އެއީ، ޖުމްލަ 91.9 މިލިއަން ރުފިޔާގެ މަހެވެ. މަސްވެރިންނަށް ފައިސާ ދޫކޮށްފައިވަނީ، މަސްވެރިން މިފްކޯއިން ކްރެޑިޓަށް ނަގާފަ ހުރި އައިސް، ތެޔޮ އަދި އެހެނިހެން ޚިދުމަތްތަކަށްވާ ފައިސާ އުނިކުރުމަށް ފަހުގަ އެވެ.















