މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާއެކު، ހުވާކުރެއްވި 14 ވަޒީރުންނަށް، ރުހުން ދީފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި 14 ވަޒީރުންނަށް ރުހުން ދިނުމަށް ފެނޭތޯ ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ. އެ ވޯޓުގައި މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ އިއްތިފާގުންނެވެ. އަނެއް 13 ވަޒީރުންނަށްވެސް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
އަލަށް ހުވާ ކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.