މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ އައިސް ޕްލާންޓް އަންނަ ހަފުތާތެރޭ އޮޕަރޭޝަނަށް ގެނެވޭނެކަމަށް އެކުންފުނިން ބުނެފި އެވެ.
ހިތަދޫ އައިސް ޕްލާންޓްއަށް މައްސަލައެއް ކުރިމަތިވެ މަސްވެރިންނަށް އައިސް ނުލިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.
މި މައްސަލައިގައި މިފްކޯއިން ބުނީ، އައިސް ޕްލާންޓްގެ ކޮމްޕްރެސަރ އަށް ދިމާވި މައްސަލައަކާ ގުޅިގެން އޮޕަރޭޝަން ހުއްޓިފައިވާކަމަށެވެ. އަދި އޮޕަރޭޝަނަށް ނުގެނެވި ލަސްވަނީ އޭގެ މަރާމާތައް ބޭނުންވަ ސާމާނު ރާއްޖެއިން ލިބެންނެތުމާއެކު، އެ ގެންނަން ވަގުތު ނަގާތީ ކަމަށެވެ. އަދި މާރާމާތައް ގެންނަން ބޭނުންވާ ’ކޮމްޕްރެސަރ މެކޭނިކަލް ސީލް‘ ރާއްޖެއިން ބޭރުން ގެންނަން މިހާރުު އޯޑަރު ދީފައިވާކަމަށާއި، މިމަހުގެ ވިހިވަނަ ދުވަހު ’ސީލް‘ ރާއްޖެ އަންނާނެކަމަށް ބެލެވޭކަމަށް މިފްކޯއިން ބުންޏެވެ.
އަދި، ’ސީލް‘ ލިބުމާއެކު ދެ ތިން ދުވަހެއްގެ ތެރޭގައި އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް އައިސް ދޫކުރަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ.
ހިތަދޫ އައިސް ޕްލާންޓަކީ 50ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެކެވެ.