މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ އާޝާންއާ ބައްދަލުކުރައްވައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ޓަކައި، ކޫއްޑޫ އަދި ފެލިވަރުގައި ހުރި އެފްއެސްއެމްގެ ތަންތަން ތަރައްގީ ކުރުމަށް، އެފްއެސްއެމުން ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައ ފިޝަރީޒް މިނިސްޓްރީއާއި އެފްއެސްއެމްގެ ބައެއް އިސްވެރިން ބައިވެރި ވަޑައިގެންނެވި އެވެ.
ހުޅުމާލެ، ކ. ހިންމަފުށި، ގއ.ކޫއްޑޫ، ޅ.ފެލިވަރު، އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މަސްވެރިންނަށް އެސްޓީއޯގެ ރޭޓުގައި ޑީސަލް ލިބޭނެ އިންތިޒާމު ސަރުކާރުންވަނީ ހަމަޖައްސާފައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓުގައި މަސްވެރިންނަށް ތެޔޮފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓުގައި އާންމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެވައުދުފުޅު ތަންފީޒް ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން(އެސްޓީއޯ) އިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 7ވަނަ ދުވަހު ”ފިއުލް ސްޓޯރޭޖް“ ގާއިމު ކުރުމުގެ ޚާއްސަ މަޝްރޫއެއް ފަށާފަ އެވެ.
މަޝްރޫއުގެ ދަށުން ތެލުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ރަށްތައް:
ހއ. އިހަވަންދޫ
ހދ. ހަނިމާދޫ
ށ. މިލަންދޫ












