ކުރިޔަށް އޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް އާންމު ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ އިރުދެކުނުން އުފެދިފައިވާ ކޮޅިގަނޑާއި ގުޅިގެން ދެކުނު ސަރަހައްދުގައި ވައިގަދަވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ އިރުއުތުުރުން އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުފައި ގިނަ އަދަދަކަށް ބޯ ވިއްސާރަ ވިލާ އުފެދެމުން އަންނަކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.
މިއާއެކު ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުން ފެށިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށާއި، އެހެންކަމުން ކުރިޔަށް އޮތް ފަސް ދުވަހު(9-13 މެއި) ޚާއްސަކޮށް ދެކުނާއި މެދިރާއްޖެތެރެ ހިމެނޭ ސަރަހައްދުގައި ވައިގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައި ވެއެވެ.
އާންމު ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، ހުރިހައި ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި، ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.