މަސްވެރިކަން ކުރަމުން އަންނަ އޮޑިފަހަރާއި، މަސްވެރިކަމަށް އަލަށް ބަންނަމުންދާ އުޅަނދުފަހަރުތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ ރެފްރިޖަރޭޓަޑް ސީ ވޯޓަރ(އާރްއެސްޑަބްލިއު) ސިސްޓެމް ގާއިމުކުރުމަށް ކުރިޔަށްގެންދާ މުރާބަހާ ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ދެވަނަ ބުރެއް، ފަށަން ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހިރިލަންދުއައަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މަސްއޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރިޔަށްގެންދާ މުރާބަހާ ފެސިލިޓީއަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެ ފެސިލިޓީއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ލޯނު އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ނިސްބަތުން ހިރިލަންދޫއިން އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކައް ކަމަށެވެ.
އަދި އެ ފެސިލިޓީ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ކުރިޔަށްގެންދަވާ މަސައްކަތްތަކައް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، ލޯނު ދޫކުރުމުގެ އާބުރެއް ފެށުމަށް ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ.
”އަޅުގަނޑުމެން މިހާރު މިދަނީ، އޭގެ(ލޯނުގެ) އާ ފޭސްއެއް ފަށަން، ނޫނީވިއްޔާ އިތުރު ލޯނުތައް ދޫކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، މި އަހަރު ތެރޭގައި، ކުރިއަށް އޮތް މަސްވެރިންގެ ދުވަހުގެ ކުރިއަށް، އަޅުގަނޑުމެން އިތުރު 200 ފަރާތަކަށް، އާރު.އެސް.ޑަބްލިޔު. ލޯނު ދޫކުރުމުގެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ، އޭގެ ސަބަބުންވެސް، ޖުމްލަ ގާތްގަނޑަކަށް ތިންސަތޭކައެއްހާ ފަރާތަށް އެގޮތުން، އާރު.އެސް.ޑަބްލިޔު. ލޯނު ދޫކުރެވިގެންދާނެ.“ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އާރު.އެސް.ޑަބްލިޔު. ސިސްޓަމަކީ، ވަރަށް ޒަމާނީ ސިސްޓަމެއެ ކަމަށާއި، އޮޑިފަހަރުގައި މިނިޒާމު ގާއިމުކުރެވިގެން ދިއުމުން އައިސް ހޯދުމަށް ހުރި ދަތިތައް ޙައްލުވެގެންދާނެކަމަށެވެ. އަދި، މިއީ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
މުރާބަހާ އާރްއެސްޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަކީ، އިސްލާމިކް ޑެވެލޮޕްމެންޓް ބޭންކް(އައިޑީބީ)ގެ ”ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު“ ގެ ދަށުން އޮޑިފަހަރުގައި އާރްއެސްޑަބްލިއު އެޅުމަށް، ފިޝަރީޒް މިނިސްޓްރީއާއި އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) ގުޅިގެން ހަމަޖައްސާފައިވާ ފައިނޭންސް ފެސިލިޓީ އެކެވެ. މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދެނީ، މަސްދޯނިފަހަރުގައި އާރްއެސްޑަބްލިއު ސިސްޓަމް ޤާއިމްކުރުމަށާއި، ޖެނެރޭޓަރ ސެޓް ގަތުމަށާއި، ސޯލާ ޕަވަރ ޕެނަލް ސިސްޓަމް ގަތުމަށެވެ. މިފެސިލިޓީގެ ދަށުން، 2,000,000 ރުފިޔާ އާއި ހަމައަށް ފައިސާ ދޫކުރާއިރު، ފައިދާ ހިސާބު ކުރަނީ އަހަރަކަށް %6 ގެ މަގުންނެވެ. މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ދައްކައިދެނީ ސަރުކާރުންނެވެ. ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރާ ގޮތަށް މި ފެސިލިޓީގެ ދަށުން ފައިނޭންސްކޮށްދޭއިރު، 6 މަސް ދުވަސް ގްރޭސް ޕީރިއެޑްގެގޮތުގައި ހަމަޖައްސައި ދެއެވެ.