މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އޮޕަރޭޓްކުރަމުން އަންނަ ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއެއް ހުޅުވައި އޮޕަރޭޝަނަށް ގެނެވުމަކީ، މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން ނުވަތަ ގައުމީ ބާޒާރަށް ޚާއްސަކޮށް އުފައްދާ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެކުންފުނީގެ ސީއީއޯ މުޙައްމަދު އަނަސް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިހެން ވިދާޅުވީ، އެ ކާރުޚާނާ ހުޅުވުމަށް މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތައް ފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ސީއީއޯ ވިދާޅުވީ، މި ކާރުޚާނާ އޮޕަރޭޝަނަށް ގެނައުމުން، މާލެއާ ކައިރިން މިފަދަ ޚިދުމަތެއް ފެށުމުން މާލެ ސަރަހައްދުގެ ފިހާރަތަކަށް މިފްކޯގެ އުފެއްދުންތައް ނެރުމުގައި ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
“އަޅުގަނޑުމެންނަށް މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޫއްޑޫން ޕްރޮސެސްކޮށްގެން މާލެ ސަރަހައްދަށް ގެންނަންޖެހުމުން ދިމާވާ ލޮޖިސްޓިކް ދަތިތައް. އެ ދަތިތަކާ ގުޅިގެން އަޅުގަނޑުމެންގެ ފިހާރައިގައި ބައެއް ފަހަރު ތަކެތި ލިބެން ނެތުމަކީ ވަރަށް ގިނައިން އަންނަ ޝަކުވާއެއް. ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން، މިދެންނެވި ލޮޖިސްޓިކް ދަތިތަކަށް ހައްލު ލިބި، މާލެ ސަރަހައްދުގައި އަބަދުވެސް އަޅުގަނޑުމެންގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ.” ސީއީއޯ ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ މި ކުރިއެރުމާއެކު، ކޫއްޑޫން އުފައްދާ ތަކެތި ދެކުނުގެ އަތޮޅުތަަކަށް ޚާއްސަކުރެވި، މާލެ ސަރަހައްދުގެ ބާޒާރަށް އަމާޒުކޮށްގެން ކަނޑުއޮތްގިރިން ތަކެތި އުފެއްދޭނެ ކަމަށެވެ. އަދި ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާގެ ސަބަބުން މިފްކޯގެ ލޯކަލް ޕްރޮޑަކްޝަން އިތުރުކުރެވި، ރައްޔިތުންނަށް ހެޔޮ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށް ވެސް ބާރަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.
ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާއަކީ ދުވާލަކަށް 3 ޓަނު ޕްރޮސެސްކުރެވޭ ކާރުޚާނާއެކެވެ. މި ކާރުޚާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ފަށާފައިވާއިރު ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުޚާނާގައި ތައްޔާރުކުރަން ފަށާނެކަމަށް މިފްކޯއިން ބުންޏެވެ.
މިއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކުރުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިއަދު ހުޅުވި ހިކިމަސް ކާރުޚާނާގެ އިތުރަށް ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ވެސް ކަނޑުއޮތްގިރި ވެގެންދާނެއެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހިކިމަސް ކާރުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.