މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އައްޑު އަތޮޅު ހުޅުދޫގައި ގާއިމުކުރި ”އައްޑޫ ފިޝަރީޒް ޕްރޮސެސިންގ ފެސިލިޓީ“ ހުޅުވައިފި އެވެ.
މިކަމަށް ޚާއްސަކޮށްގެން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިނަތު ހުސައިން ޝަރީފްއެވެ. އަދި ފެސިލިޓީ ހުޅުއްވައިދެއްވީ ސްޓޭޓް މިނިސްޓަރެވެ. މި ރަސްމިއްޔާތުގައި، މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ރިޓާޔަޑް ފަރުހަތު ޝަހީރާއި، އެކުންފުނީގެ ޓްރެޓެޖިކް ކޮންސުލްޓެންޓް އިބްރާހިމް އާތިފް ޝަކޫރާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރާއި، މީދޫ ދާއިރާގެ މެންބަރު ބައިވެރިވަޑައިގެންނެވިއެވެ.
އައްޑޫ މަސްވެރިންނާއި، ހުޅުދޫ އަދި މީދޫގެ އެކި މުއައްސަސާތަކާއި މިފްކޯގެ ބައެއް މުވައްޒަފުން ބައިވެރިވި މި ރަސްމިއްޔާތައް ފަހު، ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކައް ފެސިލިޓީ ދައްކާލައި، އެތާނގެ އޮޕަރޭޝަން ކުރިޔަށްދާގޮތް ކިޔައިދިނެއެވެ. މި ފެސިލިޓީ އޮޕަރޭޝަނަށް ގެނައުމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި، އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، މިފްކޯގެ ޚިދުމަތް އިތުރަށް ފުޅާވެގެންދާނެކަން މިފްކޯއިން ފާހަގަކޮށްފައި ވެއެވެ.
ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި މިފްކޯއިން ހުޅުމީދޫގައި ޤާއިމުކުރި އައްޑޫ ފިޝަރީޒް ޕްރޮސެސިންގ ފެސިލިޓީގައި މި ވަގުތު ތައްޔާރު ކުރެވެމުން ދާނީ މައިގަނޑު 3 ބާވަތެއްގެ އުފެއްދުންތަކެކެވެ. އެއީ ޔެލޯފިން ޓޫނާ ބްލޮކް، ޔެލޯފިން ބެލީ އަދި ޔެލޯފިން ކަރީ ކަޓްއެވެ. މި އުފެއްދުންތައް، މިއަދުން ފެށިގެން މިފްކޯ ހުޅުމީދޫ ފިހާރައިން ގަންނަން ލިބެން ހުންނާނެއެވެ. މި އުފެއްދުންތަކައް ޑިސްޓްރިބިއުޓަރުން ހޯދައި، އައްޑުއަތޮޅު ހުރިހާ ހިސާބަކުން މި އުފެއްދުންތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާކަމަށް މިފްކޯއިން ބުންޏެވެ.