މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މާދަމާ ހެނދުނު 10:00 އާ ހަމަޔަށް މޫސުން ކުރިޔަށް ލަފާކޮށް، އެ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާކަމަށެވެ. އަދި، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، 4-7 ފޫޓް އުސްމިނުގެ ރާޅުތައް ނަގާނެކަމަށްވެސް ލަފާކޮށްފައިވެއެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެ މިހާރުވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. މެންދުރުފަހު 14:00 އިން މިރޭ 08:00 އާ ހަމަޔަށް ނެރެފައިވާ ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. މެޓް އޮފީހުންވަނީ، ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.