ޅ. ނައިފަރުގައި ތަރައްގީކުރަން ހަމަޖެހިފައިވާ އައިސްޕްލާންޓްގެ ބިންގާ މިއަދު އަޅައިފި އެވެ.
ނައިފަރުގާ ގާއިމުކުރަން ހަމަޖެހިފައިވަނީ 30 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ އެކެވެ.
އެތަނުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ.ނައިފަރަށް ކުރެއްވި ޒިޔާރަތުގައި، ޅ.ނައިފަރުގައި މިއަދު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
އައިސްޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއެވެ. މިނިސްޓަރުގެ އަރިހުގައި ނައިފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔާސިން އަބްދުﷲ އާއި ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުވެސް ބައިވެރި ވަޑައިގެންނެވިއެވެ.
ނައިފަރު އައިސްޕްލާންޓްގެ މަސައްކަތް ކުރިޔަށްގެންދަން ހަވާލުކޮށްފައިވަނީ ސަރުކާރު މަސްކުންފުނި، މިފްކޯއާއެވެ.
މި އައިސް ޕްލާންޓް ނިމުމުން ނައިފަރާއި އެސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެެންދާނެއެވެ. މިއީ މަސްވެރިކަމަށާއި، އިގުތިސާދަށްވެސް މިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގެ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ހެޔޮ އަގުގައި ފަސޭހައިން އައިސް ނުލިބުމެވެ. މަސްވެރިންގެ މި ކަންބޮޑުވުމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.
މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.