”އެންދެރި“ މަޝްރޫއުގެ ދަށުން، ލާމު އަތޮޅުގައި ކުރިޔަށް ގެންދިޔަ ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމް 17 ފަރާތަކުން ފުރިހަމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހިންގި، އަދި އެންދެރި ޕްރޮޖެކްޓުން ފަންޑުކުރި ތާރީޚީ މި ޕްރޮގްރާމްގެ ކިޔެވުން ކުރިޔަށް ދިޔައީ ލ. ގަން ކެމްޕަސްގައެވެ. އެމްއެންޔޫއިން ބުނީ، މި ކޯސް ފުރިހަމަކުރި 17 ދަސްވެނިންނަށް އިއްޔެ ވަނީ ސެޓިފިކެޓް ހަވާލުކޮށްފައެވެ. ދަސްވެނިންގެ ތެރޭގައި ލ. އަތޮޅުން ސްކޮލަރޝިޕް ލިބިގެން ކޯސް ފުރިހަމަކުރި 10 ދަރިވަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ 7 ރޭންޖަރުން ހިމެނެއެވެ.
ދަސްވެނިންނަށް ސެޓިފިކެޓް ހަވާލުކުރުމަށް ލ. ގަން ކޭމްޕަސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސްގެ ޑީން ޑރ. އަހުމަދު ރިޔާޒު ޖައުހަރީ އާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހައްސާން މުހައްމަދު ބައިވެރިވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި އެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ދިރޭތަކެތި ހިމާޔަތްކުރުމަށް ހުނަރުވެރި ރޭންޖަރުންގެ މުހިންމުކަން ފާހަގަކުރައްވައި، މުސްތަޤުބަލުގައި މިފަދަ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ ރޭވުންތަކުގެ މައްޗަށް އަލިއަޅުވާލައްވާފައި ވެއެވެ. ފުރަތަމަ ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ތިމާވެއްޓާއި ދިރޭތަކެތި ހިމާޔަތްކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
ބޭސިކް ރޭންޖަރސް ކޯސް ތަމްރީން ޕްރޮގްރާމަކީ ހިމާޔާތްކޮށްފައިވާ އަތޮޅުތަކުގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ހާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ތައްޔާރުކޮށް، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނެ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި ރޭންޖަރުންތަކެއް އުފެއްދުމުގެ މަގްސަދުގައި ކުރިޔަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢި ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭނެކަމަށް އެމްއެންޔޫއިން ބުނެފައި ވެއެވެ. ބާރަ ހަފްތާގެ މުއްދަތުގެ ތެރޭގައި، އެކި ދުވަސްތަކަށް ބަހާލައިގެން ކުރިޔަށްގެންދިޔަ މި ތަމްރީން ކޯސް ހިންގާފައިވަނީ ތިއަރީ އަދި ޕްރެކްޓިކަލް (އަމަލީ) ސެޝަންތަކެއްގެ ގޮތުގައެވެ. މި ކޯހުގައި ބައިވެރިވި ފަރާތްތަކަށް އެލަވަންސެއްގެ ގޮތުގައި 4500.00 ރުފިޔާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ދީފައި ވެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިޔަށްގެންދާ ”އެންހޭންސިން ނޭޝަނަލް ޑިވެލޮޕްމަންޓް ތުރޫ އެންވަޔަރަންމަންޓަލީ ރެޒިލިއެންޓް އައިލެންޑްސް“، (އެންދެރި) މަޝްރޫއަކީ ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ރައުސްމާލު ވަޒަންކޮށް، މި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭ ގޮތްތައް ކަނޑައަޅައި، މި ވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި 2021 ވަނަ އަހަރު އެކުލަވާލަފައިވާ މަޝްރޫއެކެވެ.
މި މަޝްރޫޢުގެ އަމާޒަކީ ދިވެހި ސަރުކާރުން އަލަށް ކަނޑައަޅާ ތިމާވެށީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައާއި، އަތޮޅުތައް ތަރައްޤީކުރުމުގައި ”ގްރީން ގްރޯތް“ ނުވަތަ ކަނޑުގެ ޤުދުރަތީ ރައުސްމާލް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކޮށް އަދި މުރަކަފަރުތަކުގެ ވިލުން އަދި އިޔާދަވުން އިތުރުވާނޭފަދަ ތަރައްގީގެ ވިސްނުންތަކެއް ބަލައިގަތުމުގައި އެހީތެރިވުމެވެ. މިމަޝްރޫޢު އަކީ ދިވެހިރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ޤުދުރަތީ ރައުސުލްމާލުގެ ހިސާބު ކިތާބު (ނެޗުރަލް ކެޕިޓަލް އެކައުންޓްސް) ގައުމީ ރައުސުލްމާލުގެ ތެރޭގައި ހިމެނޭނެ ގޮތްތައް ހޯދާ އެ އެކައުންޓުތައް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ފަރުތަކުގެ މާހައުލާއި ގުޅިފައިވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، މި މާހައުލީ ނިޒާމުތަކުގެ ދުޅަހެޔޮކަން އިތުރުކޮށް ވިލުންތެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝަރޫޢުތަކުން ލިބޭ އަދި ލިބިދާނޭ ނޭދެވޭ ގެއްލުންތައް ކުޑަކުރެވޭނޭ ގޮތްތަކެއް ހޯދައި އެފަދަ ގޮތްތައް ނަކަލު ކުރެވޭނޭ ނިޒާމެއް ހޯދުމަށް މަގުފަހި ކުރުމުގެ މަޤުޞަދުގައި ރޭވިގެން ކުރިއަށްގެންދާ މަޝްރޫޢު އެކެވެ.