ވަދު ނަނުގެ މަސްވެރިކަމަށާއި، މުނި ފޫހި ފިލުވުމުގެ މަސްވެރިކަމަށް ޚާއްސަ ވަދު ކަނދުފައްޗެއް ލ. މާވަށު ބޭރުގައި ވަދު ކަނދުފައްޗެއް އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން އިއްޔެ ވަދު ކަނދުފަތި އަޅާފައިވަނީ ލ. މާވަށުގެ ހުޅަނގުން 4 މޭލު ބޭރުގައެވެ. ވަދު ކަނދުފަތީ ނަންބަރަކީ M09V01 އެވެ.
މި ކަނދުފައްޗާއެކު ލ.އަތޮޅުގެ ވަދު ކަނދުފަތީގެ އަދަދަކީ 2 އެވެ. މީގެ ކުރިން އެޅި ކަނދުފަތި އޮންނަނީ އެއަތޮޅުގެ ފޮނަދޫގެ ދެކުނުން 4.5 މޭލު ބޭރުގައެވެ. އެކަނދުފަތި އަޅާފައިވަނީ، މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. ލ. އަތޮޅުގައި، މި ވަދު ކަނދުފަތިތައް ގާއިމުކޮށްފައިވަނީ އެ އަތޮޅުގެ މަސްވެރިކަން އިތުރަށް ކުރިއަރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެއަތޮޅުގެ މަސްވެރިންނާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޒުވާން މަސްވެރިންނާއި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަމުގައި ޝާމިލުވާ ފަރާތްތަކަށް، ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.