ސަރުކާރުން ލ.މާބައިދޫގައި ގާއިމުކުރަމުންދާ އައިސްޕްލާންޓްގެ ނުނިމިހުރި މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
ލ.މާބައިދޫގައި އައިސްޕްލާންޓް ގާއިމުކުރުމަށް ކުރިޔަށްގެންދާ މަޝްރޫއުގެ ދަށުން އެރަށުގައި، 50 ޓަނުގެ ސްޓޯރޭޖާއެކު 25 ޓަނުގެ އައިސްޕްލާންޓެއް ތަރައްގީކުރުމުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރީ 19 ފެބްރުއަރީ 2023 ގައެވެ. އެ އައިސް ޕްލާންޓް ޤާއިމްކުރުމުގެ އިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެތަން ހިންގާގޮތަށް އޭރު އެއްބަސްވިނަމަވެސް، ފެނަކައިން މަސައްކަތް ދޫކޮށްލީ ނުނިންމައެވެ.
މާބައިދޫގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން، ފެނަކައިން މަސައްކަތް ދޫކޮށްލިއިރު ނުނިމި ހުރި މަސައްކަތް ކުރަން ބަޔަކު ހޯދުމަށް މިއަދު ފިޝަރީޒް މިނިސްޓްރީންވަނީ އިއުލާނުކޮށްފައެވެ. ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ މި އިއުލާނާއެކު އެއްކަރުދާސްކޮށްފައިވާ ބިޑް ޑޮކިއުމެންޓްގައި އެ މަޝްރޫއުގެ ދަށުން މަސައްކަތް ނިމިފައިވާ މިންވަރު ބަޔާންކޮށްފައިވެއެވެ. އެގޮތުން، އޮފީސް އިމާރާތުގެ ފައުންޑޭޝަން ނިންމާފައިވާކަމަށް ބުނެފައިވާއިރު، އިންފާރު އަޅަން ކޮނުމުގެ މަސައްކަތް ފެށިނަމަވެސް، އެ މަސައްކަތް އެއްކޮށް ނިންމާފައެއް ނުވާކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި، އައިސްޕްލާންޓްގެ ސައިޓްގައި މިވަގުތު އައިސް ހަދާ މެޝިނަކާއި، ކޫލިންގް ޔުނިޓް(އައިސް ބިން)، ކޮންޑެންސަރ ޕަމްޕެއްގެ އިތުރުން މަސައްކަތައް ބޭނުންކުރި ބައެއް މެޓީރިއަލްސް އެބަހުރިކަަމަށްވެސް ޑޮކިއުމެންޓްގައިވެއެވެ. އަދި، އައިސްޕްލާންޓްގެ ސިވިލް މަސައްކަތައް ބޭނުންވާ މެޓީރިއަލްސް މިވަގުތު ސައިޓްގައި ނެތްކަމަށް ބިޑް ޑޮކިއުމެންޓްގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން މަސައްކަތް ނިންމުމަށްޓަކައި ބޭނުންވާ ސާމާނު އަދި އާލާތްތައް މަސައްކަތްކުރާ ފަރާތުން ހޯދަން ޖެހެއެވެ.
ނުނިމި ހުރި މަސައްކަތްތައް ނިންމައިދިނުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކައް މަޝްރޫއާބެހޭ މައުލޫމާތު ސާފުކޮށްދިނުމަށް ބާއްވާ ބައްދަލުވުމެއް އަންނަ އާދީއްތަ ދުވަހުގެ 10:00 ގައި ފިޝަރީޒް މިނިސްޓްރީގައި ބޭއްވުމަށް ތާވަލުކޮށްފައިވެއެވެ. މިނިސްޓްރީން ބުނީ، ބައްދަލުވުމުގައި ބައިވެރިނުވެވޭ ފަރާތްތަކުން އެ މިނިސްޓްރީގެ ނަންބަރު 3322625 އަށް ގުޅާލައިގެން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާކަމަށެވެ.
މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީއަކީ 21 އޮގަސްޓް 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.