ރާއްޖެއިން ބޭރުން، މަސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމު ހޯދުމަށް ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ސްކޮލަރޝިޕްގެ ދަށުން ،މަތީ ތައުލީމް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ކުރިޔަށްގެންދާ، ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކުރިމަތިލުމަށް ހުޅުވާލި މަތީ ތައުލީމުގެ ކޯސްތަކުގެ ތެރޭގައި، ފިޝަރީޒް ޕޮލިސީގެ ދާއިރާއިން މާސްޓާރ ޑިގްރީއަށް ކިޔެވުމުގެ އެއް ޕްރޮގްރާމާއި، އެކުއަކަަލްޗަރ ދާއިރާއިން ބެޗެލާސް ޑިގްރީއަށް ކިޔެވުމުގެ އެއް ފުރުސަތު ހިމެނެއެވެ. މި ދެ ކޯސް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ފުރިހަމަކުރުމުގެ ފުރުސަތު ލިބެއެވެ. އަނެއް 2 ކޯހަކީ ފިޝަރީޒް ސައެންސް/ މެރިން ސައެންސް(2 ޖާގަ) އަދި ސެޓޭޓިސްޓިކްސް/ޑޭޓާ ސައެންސް(1 ޖާގަ)އިން ބެޗެލާސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތެކެވެ. މިދެ ކޯހުގައި ކިޔެވުމުގެ ފުރުސަތު ލިބެނީ އޭޝިއާގެ ގައުމުތަކުގައެވެ.
**ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް **ކޯސް ފީއާއި، ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު ބުކް އެލަވަންސްގެ އިތުރުން، އެސްޓަބްލިޝްމަންޓް އެލަވަންސާއި، ޑިޕާރޗަރ އެލަވަންސް އެއްފަހަރު ހަމަޖައްސައިދޭނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި، ސްކޮލަރޝިޕް ލިބިއްޖެ ނަމަ ކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސަރވިސްގެ ޤަވާއިދުގައި ވާގޮތަށް، ފިޝަރީޒް މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެކަމަށްވެސް ބުނެފައި ވެއެވެ.












