މާލެއިން ފުރައިގެން ވ. ފުލިދޫއަށް ދަތުރުކުރަމުންދަނިކޮށް، ”ލޯކުރި 6“ ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ދިޔަވާ ކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ މިއަދު ހެނދުނު 08:16 ހާއިރުކަމަށާއި، އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް، ޑައިވަރުންނާ އެކު އެ ސަރަހައްދަށް ފުރުވާލެވުނުކަމަށް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
ހަތަރު މީހުންނާ އެކު ވ.ފުލިދޫއަށް ދަތުރުކުރި 80 ފޫޓުގެ މި ދޯނީގެ ވެރިފަރާތުން، ލޯންޗެއްގައި ފޮނުވި ޕަންޕެއް ބޭނުންކޮށްގެން އެ ދޯންޏަށް ދިޔަވުން ކޮންޓްރޯލުކުރިނަމަވެސް، އިންޖީނު ހުއްޓި އެ ދޯނި އޮޔާދަނިކޮށް، ދޯނި ކަފުޖެހުމަށް ވެރިފަރާތުން ފޮނުވި އެހެން އެ އުޅަނދެއްގެ އެހީގައި، މިއަދުގެ ހަވީރުގެ ވަގުތެއްގައި ކ.ގުރައިދޫ ބަނދަރަށް ވައްދާފައިވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި، އެ ދޯންޏަށް އިތުރު އެހީތެރިކަމެއް ބޭނުންވެދާނެ ކަމަށް ޓަކައި، އެ ދޯނި ކ.ގުރައިދޫ ބަނދަރަށް ވެއްދެންދެން ދޯންޏާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވެފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.