ރާއްޖޭގެ ކަނޑުތަކުގައި އިންދާ ކަނދުފަތިތަކުގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު ޑިޒައިނެއްގެ ދަށުން ތައްޔާރުކުރާ ފުރަތަމަ ކަނދުފަތި އަންނަ އޮގަސްޓް މަހު ކަނޑަށް ދޫކޮށްލަން ސަރުކާރުން ނިންމައިފިއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމްޢިއްޔާ (އެފްއޭއޯ) އާ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާތަކަށްފަހު އައު ޑިޒައިން އެކުލަވާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
މޫސުމީ ގޮންޖެހުންތަކާއި ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނދުފަތިތައް އަވަސްއަވަހަށް ކަނޑައިގެން ގޮސް، މަސްވެރިންނަށް ލިބޭ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ އައު ފަރުމާގެ މައިގަނޑު މަޤްޞަދު ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
އަދި އަންނަ މަހު އަޅާ ފުރަތަމަ ކަނދުފައްޗާއެކު މަސްވެރިންނަށް މީގެ މަންފާ ފެންނަން ފަށާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭނުންކުރަމުން އައިސްފައިވަނީ މީގެ 40 އަހަރު ކުރިން އެކުލަވާލާފައިވާ ކަނދުފަތީގެ ޑިޒައިނެކެވެ.