މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަން މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ނިންމައިފި އެވެ.
ވާދަވެރި މާޙައުލެއްގައި މަސްވެރިކަމުގެ ފޯރި ދިރުވައ،ި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތް އޮންނާނީ 19 ޖޫން 2026 ވާ ހުކުރު ދުވަހު މެންދުރުފަހު 15:00 އިން ރޭގަނޑު 21:00 އަށެވެ. މާލޭ ސިޓީގައި މުބާރާތް ފެށުމާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފެރީ ޓާމިނަލް ސަރަޙައްދުގައެވެ. ރަށްރަށުގައި މުބާރާތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާ ވަކި ސަރަޙައްދެއްގައެވެ.
މިނިސްޓްރީ އާއި ރަށު ކައުންސިލްތައް ގުޅިގެން އިންތިޒާމުކުރާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީން މިހާރުވަނީ ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv) ފުރިހަމަ ކުރުމަށް ފަހު 17 ޖޫން 2026 ގެ 14:00 ގެ ކުރިން ހުށަހެޅުމަށް މިނިސްޓްރީން އެދިފައިވެއެވެ. މާލެސިޓީއިން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ވިހި ޓީމަށެވެ. އަދި ރަށްރަށުން ބައިވެރިވާނެ ޓީމުތަކުގެ އަދަދު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މުބާރާތުގައި ވަނަދިނުމަށް ހަމަޖެހިފައިވަނީ މުޅި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށެވެ. އަދި މުޅި މުބާރާތުގައި އެންމެ ބަރުމަސް ބާނާ ފަރާތެވެ. މި ވަތަކައް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
- މުބާރާތުގެ 1 ވަނައަށްދާ ޓީމަށް 30,000ރުފިޔާ
- މުބާރާތުގެ 2 ވަނައަށްދާ ޓީމަށް 25,000ރުފިޔާ
- މުބާރާތުގެ 3 ވަނައަށްދާ ޓީމަށް 20,000ރުފިޔާ
- އެންމެ ބަރުމަސް ބާނާ ފަރާތް 5,000ރުފިޔާ
ކޮންމެ އަހަރެއްގެވެސް ޖޫން 8 ފާހަގަކުރަމުން ދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. ކަނޑުގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީން މިއަހަރު“ އޯޝަން ފެސްޓް“ ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންދިއުމަށް ރޭވިފައިވެއެވެ.