މެދުއިރުމަތީގެ ހަމަނުޖެހުން ކުރިޔަށްދިޔަނަމަވެސް، ރާއްޖެއަށް ތެލާއި ގޭހުގެ ސަޕްލައި ގެނައުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ހަނގުރާމައާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ހިއްސާކުރައްވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ) މެދުވެރިކޮށް ތެޔޮ ގެނައުމުގެ މަސައްކަތް ކުރަނީ އޮމާންމަގުންކަމަށާއި، ތެޔޮ ސަޕްލައިގަ އެއްވެސް މައްސަލައެއް ކުރިމަތިވޭތޯ ރޭވެސް އެސްޓީއޯއިން ކަށަވަރުކުރެއްވިކަމަށެވެ. އަދި، ތެޔޮ ގެނައުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ލިބުނުކަމަށާއި، ދިވެހި ރައްޔިތުންނަށް އެކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.











