މިއަހަރު ފާހަގަކުރާ 45 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށައިފި އެވެ.
މިއަހަރުގެ މަސްވެރިންގެ ދުވސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ. ފިޝަރީޒް މިނިސްޓްރީއާއި، ދުވާފަރު ކައުންސިލް ގުޅިގެން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު އެކި ޕްރޮގްރާމްތައް ވަނީ ރާވާފައެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފަށާފައިވަނީ މަސްވެރިންނަށް ޚާއްސަކޮށްގެން ބާއްވާ ފޯރަމް ކަމަށްވާ ”މަސްވެރިންގެ ގުންޒަރު“ ންނެވެ. މިއަދު ހެނދުނު ދުވާފަރުގައި މި ފޯރަމް ފަށާފައިވާއިރު، މާދަމާގެ ނިޔަލަށް މި ފޯރަމް ކުރިޔަށްދާނެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ބާއްވާ އިތުުރު ހަރަކާތްތައް:
1- ކާބޯތަކެތީގެ މައުރަޒު: ޑިސެންބަރ 11-13އަށް. ބަނދަރު ސަރައްދުގައި ހުންނަ ދަތުރުވެރިންގެ ހިޔާގައި، ހެނދުނު 11:00 އިން ހަވީރު 04؛00 އަށް
2- މަސް ރޭސް: ޑިސެންބަރ 12ގައި. މަސް ރޭހަށް ފުރާނީ ހަވީރު 04:00 ގައި. މަހުން ލަފާނީ އެރޭ 09:00ގައ
3-** ކުޑަކުދިންގެ ހަވީރު:** ޑިސެންބަރ 12ގެ ހަވީރު 04:00 އިން 06:00 އަށް ސްޓޭޑިއަމް ސަރަހައްދުގައި.
4- ރަހަވަރު ކެއްކުމުގެ މުބާރާތް: ޑިސެންބަރ 13ގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް، ސިއްހީ މަރުކަޒު އިރުމަތީ ހުސްބިމުގައި.
5- މަސް ކެނޑުމުގެ މުބާރާތް: ޑިސެންބަރ 13ގެ ހަވީރު 04:30 އިން މެންދުރު 05:30 އަށް، އެމްއައިބީ އޭޓީއެމްއާ ޖެހިގެން އޮންނަ ސަރަަހައްދުގައި.
ސަރުކާރުން ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޑިސެންބަރ 13ގެ ރޭގަނޑު 08:00 އިން 11:00 އަށް، ދުވާފަރު ކައުންސިލްގެ އުތުރަށް އޮންނަ ހުސް ބިމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި އެންމެ ތަޖުރިބާކާރު ކެޔޮޅާއި، ޚިދުމަތްތެރި ޒުވާން ކެޔޮޅާއ،ި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑް ދިނުމަށް ހަމަޖެހިފައި ވެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަހާތްތަކުގައި ދައުލަތުގެ ވަޒީރުންނާއި، އިއްޒަތްތެރިންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިން ހިމެނޭގޮތައް 200އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވަޑައިގަންނަވާނެއެވެ.