ގާތްގަނޑަކަށް މަސްވެރިކަމުގައި ”އެކްޓިވްކޮށް“ ހަރަކާތްތެރިވާ ހުރިހާ ދޯނިފަހަރު މިހާރު މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައި ކަމުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް މާލީ އެހީތެރިކަން ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާއެކު ފަހުމު ނާމާގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ”ކެޔޮޅާ“އިން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް އައިރު، ރާއްޖޭގައި މަހަށްފުރާ ދުއްވާ އުޅަނދުތަކުގެ 95 އިންސަތަ އެދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ.
”ޑިސެމްބަރު މަހުންފެށިގެން އަޅުގަނޑުމެން މިދަންނަވަނީ، މިހާރު ދެން ގާތްގަނޑަކަށް ފްލީޓްގެ %95 އަކީ އެއީ މިހާރު އަނެއްހެން ދަންނަވާކަމަށް ވަންޏާމު އެކްޓިވްލީ ހަރަކާތްތެރިވާ ގާތްގަނޑަކަށް ހުރިހާ ދޯންޏެއް. އެކްޓިވްކޮށް ނޫނިންޔާމު މިހާރު މަރާމާތަށް ނުވަތަ އެކި ކަހަލަ ސަބަބުތައް އޮވެގެން އެއްގަމުގައި ހުރި ދޯނިތަކުގެ މީހުންގެ އެހާބޮޑު ޝައުޤުވެރިކަމެއް ނެތްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ“ މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ގައުމީ ދަފްތަރުގައި އޮޑިފަހަރާއި މަސްވެރިން ރަޖިސްޓްރީ ކުރުމަށްޓަކައި ކުރެވުނު މަސައްކަތުގެ ބޮޑުބައެއް ނިންމުނީ މިނިސްޓްރީގެ ޓީމްތައް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކޮށްގެން ކަމަށެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ ސަރުކާރުތަކުން މީގެ ކުރިންވެސް އެފަދަ ވާހަކައް ދައްކާފައި ކަންކަން ޙާޞިލް ނުކުރެވި އޮތުމާއި އެކު މަސްވެރިންނާއި އޮޑިވެރިން ދަފްތަރުވުމަށް ޝަވްޤުވެރިކަން ކުޑަކަމަށެވެ.
މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހެދުމުގު މަޤްސަދުގައި މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަމައްދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިވައުދު އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒް ކުރުމުގެ ގޮތުން، ކެޔޮޅު ފޯނު އެޕްލިކޭޝަނެއް 16 ފެބްރުއަރީ 2024ގައި ތައާރަފްކޮށް އޭގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.