އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ’މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް‘ ގެ ޕާޓްނަރަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ’މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް 2026’ގެ ނަމުގައި އަންނަ އަހަރުގެ ފެބުރުއަރީ 3 އިން 5 އަށް ބާއްވާ މި ފޯރަމަކީ ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގައި އެކި ގޮތްގޮތުން މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ އެކި ގައުމުތަކުގައި މި މަސައްކަތް ކުރާ ފަރާތްތައް އެއްތަނަކަށް އެއްވެ، ޚިޔާލުބަދަލުކޮށް، އެކި މަޢުލޫތަކަށް މަޝްވަރާކުރުމަށް ބާއްވާ ފޯރަމެކެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން މިހާރުވަނީ، މި ފޯރަމްގެ ޕާޓްނަރއަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޝައުގުވެރިކަން ހުށަހެޅުމުގެ ދައުވަތު އަރުވާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، 28 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން ލިންކުގައިވާ ފޯމް ފުރިހަމަކުރުމަށް ވުޒާރާއިން އެދިފައި ވެއެވެ.
މި ފޯރަމްއާއި ބެހޭގޮތުން މައުލޫމާތު ސާފުކުރަން ބޭނުންނަމަ، 26 އޮކްޓޯބަރ 2025 ވާ އާދިއްޔަ ދުވަހު 12:00ގެ ކުރިން އީމެއިލް ކުރުމަށް ވުޒާރާއިން އެދިފައި ވެއެވެ. އީ-މެއިލް ކުރާނީ، protected.areas@environment.gov.mv އަށެވެ.
މޯލްޑިވްސް ޕްރޮޓެކްޓެޑް އެންޑް ކޮންޒާވްޑް އޭރިއާސް ފޯރަމް ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15-18 އަށެވެ. އެފޯރަމްގައި ދުނިޔޭގެ އެކި ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތައް ހިމެނޭގޮތުން ޖުމްލަ 80 މަންދޫބުން ބައިވެރިވިއެވެ.