ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކުދި ކަންނެލި ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން(ބީއެމްކޭޔޫ) އިން ބުނެފިއެވެ.
މިފްކޯގެ ކަނޑުއޮތްގިރި ފެސިލިޓީ އަލުން ހުޅުވައި އެތަނަށް 15 ކިލޯއިން މަތީގެ މަސް 25 ރުފިޔާގެ ރޭޓުން ގަންނަން އިއްޔެ ފެށުމާއި އެޖަމްއިއްޔާއިން އެކަމާމެދު ދެކޭގޮތް ހާމަކޮށް ސޯޝަލް މީީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުދި އަދި ރިޖެކްޓް ކަންނެލި މިފްކޯއަށް ގަންނަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމުގައި އެ ޖަމްއިއްޔާއިން ދެކޭކަމަށެވެ. އަދި އުއްމީދު ކުރަނީ ސަރުކާރާއެކު މަޝްވަރާ ކުރެވުނު އަގުގައި ކުދި އަދި ރިޖެކްޓް ކަންނެލި ގަތުމުގެ އިތުރުން ސަރުކާރުގެ ރިޔާސީ ވައުދާއި އެއްގޮތަށް މިފްކޯއަށް ބޮޑުކަންނެލި ވީހާވެސް އަވަހަކަށް ގަންނަން ފެށުންކަމަށެވެ.
މިފްކޯއަށް ކަންނެލި ގަންނަން ފަށާފައިވަނީ، މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމަށާއި، ކަންނެލި ގަންނާނެ އެންމެ ދަށް އަގަކީ 80ރ. އާއި 100ރ. އާ ދެމެދު ކަމަށް ކަނޑައަޅައިދިނުމަށް ބީކޭއެމްޔޫއިން ތަކުރާރުކޮށް ސަރުކާރަށް ގޮވާލާ އަޑުއުފުލާފައިވަނިކޮށްނެވެ. ބީއެމްކޭޔޫއިން ވަނީ މިކަމުގައި ސަރުކާރާއި ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އުފުލައި އަދި މަޝްވަރާވެސްކޮށްފައެވެ.
ސަރުކާރުން މީގެކުރިން ބުނެފައިވަނީ ބޮޑުކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައްއަހަައި އެކަމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް މަސައްކަތްކުރާނެކަމަށެވެ. މިހާރުވެސް ސަރުކާރުންދަނީ ހުޅުމާލޭގައި ބޮޑުކަންނެލި މަސް ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުންނެވެ. އަދި މިފްކޯއިންދަނީ ކަންނެލި މަސްދަޅު މާކެޓަށް ނެރުމަށް ތައްޔާރުވަމުންނެވެ.