ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ) ތަރައްގީކުުރުމުގެ މަޝްރޫއު ހިންގާ ސައިޓަށް ކަމާ ގުޅޭ ވަފްދެއް ޒިޔާރަތްކުރައްވައިފި އެވެ.
އެ ފެސިލިޓީ އޮޕަޜޭޓްކުރަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނީ، މިއަދު އެތަނަށް ޒިޔާރަތްކުރެއްވި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ، އިންޑިއަން އެގްޒިމް ބޭންކާއި، އިންޑިއަން ހައި ކޮމިޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒްގެ ބޭފުޅުންކަމަށެވެ. އެ ވަފްދުން ފެލިވަރު އަޕްގްރޭޑިންގ ޕްރޮޖެކްޓް ސައިޓަށް ކުރި ޒިޔާރަތުގައި މަޝްރޫއު ކުރިޔަށްދާ ގޮތް ބައްލަވާލައްވައި، މަޝްރޫއުގެ ކޮމްޕޯނެންޓް-އޭ އަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މިފްކޯގެ އިސްވެރިންނާއި ކޮންޓެރެކްޓަރާއެކު މަޝްވަރާކުރައްވާފައިވާކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
މި މަޝްރޫޢުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މަސްވެރި ވުޒާރާއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހުވެސް ފެލިވަރަށް ޒިޔާރަތްކޮށްފައި ވެއެވެ.












