މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށުމުގެ އިތުރަށް، މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ މަސްވެރިންނަށް ބީއެމްއެލްއިން ލޯނު ދޫކުރަން ފެށުމުން މަސްވެރިކަމުގެ ސިނާއަތަށް އޭގެ ހެޔޮ އަސަރުކޮށް، މަސްވެރިންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ރަނަގަޅުވެގެން ހިނގައްޖެކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ދިވެހީންގެ ބޭންކު މުޅި ރާއްޖެއަށް ކެމްޕެއިން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މަސްވެރިކަމަކީ ދިވެހިރައްޖޭގެ އިގްތިސާދުގެ މުހިންމު އެއް ސިނާއަތް ކަމަށާއި، މަސްވެރިކަމަށް އެހީތެރިވުމަށް މިފްކޯއާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރީ ރައީސސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 48 ގަޑި އިރު ތެރޭ މަސްވެރންނަށް ފައިސާ ދުކުރުމުގެ ނިޒަމް ގާއިމްކުރުމުގެގޮތުން ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން ގަވައިދުން ފައިސާ ދޫކުރަމުން އަންނަކަމަށާއި، މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ މިފްކޯގެ އާމްދަނީ ފައިސާއިން، މަސްވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަން އިސްކަންދޭ ނިޒާމެއް ބައްޓަންކޮށްގެން ކަމަށް ވިދާޅުވިއެވެ.
”ރަސްމީ ދުވަހެއް ނުވަތަ ހަފުތާ ބަންދު ދުވަހެއްކަމުގައިވިޔަސް މި މުއާމަލާތް މިދަނީ ފުރިހަމަކުރަމުން. އަޅުގަނޑު ފާހަގަކޮށްލަން…މިކަން ކުރަމުން މިދަނީ(މަސްވެރިންނަށް ފައިސާ ދޫކުރަނީ) ބޭންކުގެ ފައިސާއަކުން ނޫންކަން. އަދި މިފްކޯއަށް ލޯނު ދޫކޮށްގެންވެސް ނޫންކަން. މިފްކޯގެ އެކައުންޓަށް ޖަމާވާ އާމްދަނީ ފައިސާއިން އެންމެ ފުރަތަމަ މަސްވެރިންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށް އިސްކަންދޭ ނިޒާމެއް ގާއިމުކޮށްގެން.“ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ފާހަަގަކުރެއްވިގޮތުގައި މިކަމަށް ލިބުނު އަނެއް ކުރިއެރުމަކީ މަސްވެރިން މާލިއްޔަތު ދާއިރާގައި ބައިވެރިކުރުވުމުގެ ގޮތުން މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ޕާސަނަލް ފައިނޭންސިން ކްރެޑިޓް ކާޑު އަދި ގެދޮރުގަތުމާ އިމާރާތްކުރުމާ މަރާމާތުކުރުން ފަދަ އެކިއެކި ބޭނުންތަކަށް ފަސޭހައިންް ބިއެމްއެލް އިން ލޯނާއި ފައިނޭންސް ލިބޭނެގޮތް ހަމަޖެހިގެން ދިއުމެވެ.
”މިއީ ރާއްޖޭގެ އެންމެ ބޮޑު އެއްސިނާއަތައް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. މިކަމުން މުޅި މަސްވެރިކަމުގެ ސިނާއަތައް އޭގެ ހެޔޮ އަސަރުކުރި. މަސްވެރިންގެ އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވި. އަދި ހަމަ އެހެންމެ އެނިޒާމާއެކު ދިވެހި އިގުތިސާދަށާއި ބޭންކަށްވެސް މިއަންނަނީ އޭގެއިން ފައިދާ ކުރަމުން.“ ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
މަސްވެރިން އަތުން މިފްކޯއިން މަސްގަންނަތާ މަދުވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސްވެރިކަމުގެ ދާއިރާގެ އެންމެ މުހިންމު އެއް ވައުދުފުޅެވެ. އެ ވައުދުފުޅާ އެއްގޮތަށް މިދިޔަ އަހަރުގެ މަސްވެރީންގެ ދުވަހު މަސްވެރީންނަށް ބާނާ މަހަށް 48 ގަޑި އިރު ތެރޭގައި ފައިސާ ޖަމާ ކުރަން ވަނީ ފަށާފަ އެވެ. މިހާތަނަށް އާއިރު ޖުމްލަ721 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.
ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސްވެރިކަމުގެ ވަޢުދުތަކުގެ ތެރެއިން، މަސްވެރިކަމަކީ ވަޒީފާއެއްގެ ގޮތުގައި ކަނޑައަޅައ،ި ބޭންކިންގ ކްރެޑިޓް ރޭޓިންގގެ ތެރެއަށް ފެތޭގޮތަށް މާލީ އިދާރާތަކުން ލޯނު ލިބުންފަދަ އިތުރު ޚިދުމަތްތައް ހޯދުމަށް މަސްވެރިންނަށް ފުރުޞަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން، ބީއެމްއެލްއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި މަސްވެރިންގެ ގައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ބީއެމްއެލްއިން ފައިނޭންސިންގެ ޚިދުމަތް ތައާރަފްކުރުމަށް، އެބޭންކުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއެކު ފަހުމުނާމާއެއްގައި ސޮއިކުރީ އޭޕްރިލް 28, 2025ގައެވެ. އަދި ފައިނޭންސް ދޫކުރުމުގެ މަސައްކަތްފެށީ މިއަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުއެވެ.