ފ. ނިލަންދޫގައި ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ މަސް ޕްރޮސެސިންގ ފެކްޓަރީ އަޅަން ހަމަޖެހިފައިވާ ބިން ހިއްކުމުގެ މަސައްކަތް، ކޮންޓްރެކްޓަރާ ހަވާލުކޮށްފި އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ، ރައްޔިތުންނާ ގުޅުންހުރި ތަރައްގީގެ ބައެއް މަޝްރޫއު ހަވާލުކުރުމަށް މިއަދު ސަރުކާރުގެ ފަރާތުން ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫެރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ،
މި ރަސްމިއްޔާތުގައި މަސްވެރިކަމާ ގުޅުންހުރި ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެެއެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ފ. ނިލަންދޫ މަސް ޕްރޮސެސިންގ ފެކްޓަރީ ގާއިމުކުރުމާ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ އެއްބަސްވުމެވެ. ފ. ނިލަންދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީ މަޝްރޫޢު ފެށުމަށްޓަކައި ބޭނުންވާ 3.2 ހެކްޓަރުގެ ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެތިއޯން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.
ނިލަންދޫ މަސް ކާރުޚާނާ ތަރައްގީކުރަނީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނޭގޮތަށެވެ. ކާރުޚާނާ ޤާއިމުކުރުމަށް ޙަވާލުކޮށްފައިވަނީ ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއްކަމަށްވާ ޑޮންގްފަންގް އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯރޕަރޭޝަނާއެވެ.