ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ)ގައި ހުރި ޓީ.އެފް.އެސް ސްކްރެޕް މެޓަލް، މެޓަލް ޖަންކް އަދި ބޭނުންކޮށްފައިހުރި ކަޅުތެޔޮ ފީފާތަކެއް ނީލަމުގައި ވިއްކާލުމަށް، އެ ކޮމްޕްލެކްސް ހިންގަމުން އަންނަ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ނިންމައިފިއެވެ.
މިފްކޯއިން ނީލަމުގައި ވިއްކާލުމަށް ނިންމާފައިވަނީ، 50 މެޓްރިކްޓަނުގެ މެޓަލް ޖަންކް، 60 މެޓްރިކް ޓަނުގެ ޓީ.އެފް.އެސް ސްކްރެޕް މެޓަލް އަދި ބޭނުންކޮށްފައިހުރި 90 ފީފާ ކަޅު ތެލެވެ. އަދި އިއްޔެވަނީ ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.ނީލަމުގައި ބައިވެރިވެވޭނީ bid@mifco.mv އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކޮށްގެންނެވެ. ފެބްރުއަރީ 15ގެ ހެނދުނު 11:00ގެ ކުރިންނެވެ. ނީލަމުގައި ބައިވެރިވެވެނީ 25،000ރުފިޔާގެ ޑިޕޮސިޓެއް ދައްކައިގެންނެވެ. މިފްކޯއިން ބުނީ، ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ރައްދުކޮށްދޭނެކަމަށެވެ.
ނީލަންކިޔުން އޮންނާނީ 16 ފެބްރުއަރީ 2026ގެ ހެނދުނު 11:00ގައި މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމްގައެވެ. މިފްކޯއިން ބުނީ، 90 ފީފާގެ ކަޅު ތެޔޮ ނީލަން ކިޔަން ހަމަޖެހިފައިވަނީ 50 މެޓްރިކްޓަނުގެ މެޓަލް ޖަންކް އަދި 60 މެޓްރިކް ޓަނުގެ ޓީ.އެފް.އެސް ސްކްރެޕް މެޓަލްއަށް އެންމެ މަތިން އަގު ހުށައަޅުއްވާ ދެ ފަރާތުގެ މެދުގައި އެންމެ މަތިން އަގު ހުށައަޅާ ފަރާތަކަށްކަމަށެވެ. އަދި، ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކް ޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުމުން، ހުށަހަޅާފައިވާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި އެންމެންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށްކަމަށް މިފްކޯއިން ބުނެފައިވެއެވެ.












