މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އިން ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-1 ކޯހުގެ އާ ބެޗެއް މާލެ ސިޓީގައި ފަށަން ތައްޔާރުވެއްޖެއެވެ.
އެމްޓީއައިއިން ބުނީ، މި ކޯސް ފަށަން ހަމަޖެހިފައިވަނީ، މިމަހުގެ 25ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައިކަމަށާއި، މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓްކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެމްޓީއައިގެ ނަންބަރު 9450555 އަށް ގުޅާލައިގެން ކޯހަށް ނަން ނޯޓްކުރެވޭނެއެވެ. އަދި admin@mti.edu.mv އަށް މެއިލްކޮށްލައިގެންވެސް ކޯހަށް އެންރޯލް ކުރެވޭނެއެވެ.
150 ގަޑީއިރު ކިޔަވައިދޭގޮތަށް ކުރިޔަށްގެންދާ މި ކޯހުގެ އަގަކީ 5500 ރުފިޔާ އެވެ. ދިވެހި ބަސް ލިޔަން ކިޔަން އިނގޭ އަދި ބޭސިކް ހިސާބު ހަދަން އިނގޭ ކޮންމެ ފަރާތަކައްއްވެސް މި ކޯހުގައި ބައިވެރިވެވިދާނެކަމަށް އެމްއައިޓީން ބުނެފައިވެއެވެ.
ފުރިހަމަ ތަޖުރިބާކާރު އިލްމާއި ހުނަރު ހާސިލުކުރުމަށް މަގުފަހިކޮށްދިނުމުގެ އަޒުމުގައި އެމްޓިއައިއިން ކުރިއަށްގެންދާ މިކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން،
އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ދަސްކޮށްދޭނެކަމަށް އެމްޓިއައިން ބުނެފައިވެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ކޮންމެ އުޅަނދެއްގެ ކެޕްޓަންކަމުގެ ލައިސަންސް ނެގުމަށް މަގުފަހިކޮށްދޭ މިކޯހަކީ، މިނިސްޓްރީ އޮފްް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު ކުރިޔަށްގެންދާ ކޯހެކެވެ.
މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އަކީ ރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީގައި މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓްރެއިނިން އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފަންނީ ގިނަ ކޯސްތަކެއް ހިންގަ އެވެ. އޭގެތެރޭގައި ނިޔަމިކޯސް-1، ނިޔަމިކޯސް-2، މެރިން މެކޭނިކްކޯސް އަދި ފަޅުވެރިންގެ ކޯސް ހިމެނެއެވެ. މީގެ އިތުރުން ސައިބަރ ސެކިއުރިޓީއާއި، އާޓިފިޝީއަލް އިންޓެލިޖެންސާއި، އިލެކްޓްރިކަލް އިންސްޓޮލޭޝަން ދަސްކޮށްދޭ ކޯސްތައްވެސް ހިންގައެވެ.