ކަނޑުތަކުގެ ލޮނުގަނޑު ހޫނުވުމާއި، މުރަކަ ހުދުވުމާއި، ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މިހާރަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއް ދީ، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ކަނޑުތަކުގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ދުޅަހެޔޮ ކަނޑުތަކަކީ ދިިރިހުރުމަށާއި މި ބިމުގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމެވެ. އަދި، ކަނޑުތަކާއި ދިވެހީންނާ އޮތް ގުޅުމަކީ ނުހަނު ފުން އަދި ޒާތީ ގުޅުމެއްކަން ފާހަގަކުރައްވައި، މިއީ އަޅުގަނޑުމެންގެ އިގްތިސާދާއި، ކާނާގެ ރައްކާތެރިކަމާއި، ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގޮތުން ގުޅިފައިވާ ކަމެއްކަމަށް ވިދާޅުވެފައި ވެއެވެ.
ދެމެހެއްޓެނިވި މަސްވެރިކަމާއި، ކަނޑުގެ ދިރާސާތައް ވަރުގަދަކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބެލެހެއްޓުމާއި، މުރަކަ އާލާކޮށް އާބާދުކުރުމުގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިލްމީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފިޔަވަޅުތައް އެޅުމުގައި ދުރުވިސްނޭ ސިޔާސަތުތަކެއް ތަންފީޒުކުރަމުން އަންނަކަން ރައީސުލްލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ. އަދި، މީގެ ބޭނުމަކީ ރައްޔިތުންގެ ލާބައަށާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައި ވެއެވެ.
ކަނޑުތަކުގެ ލޮނުގަނޑު ހޫނުވުމާއި، މުރަކަ ހުދުވުމާއި، ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު، ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި މިހާރަށްވުރެ ބޮޑު އަހައްމިއްޔަތުކަމެއް ދީ، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ވާންވީ، އެންމެން ގުޅިގެން މަސައްކަތްކޮށް، ދިރިއުޅުމުގެ އަސާސްކަމުގައިވާ މި ކަނޑުތައް ރައްކާތެރިކުރުމަށް ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން 8 ފާހަގަކުރަމުން ދަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއީ ދުނިޔޭގެ އޮކްސިޖަންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރު އުފައްދައިދީ، މޫސުމީ ނިޒާމު ހަމަހިފަހައްޓައި، އެތައް ބިލިއަން ބައެއްގެ ދިރިއުޅުމުގެ ބިންގާ ކަމުގައިވާ ކަނޑުތަކުގެ މުހިންމުކަން ހަނދާންކޮށްދޭ ދުވަހެކެވެ. މި އަހަރުގެ ޝިއާރަކީ، ”އައު ތަޞައްވުރެއް: އަހަރެމެންނަށް އެނގޭ ދުނިޔެއަށްވުރެ ބޭރުން، ކަނޑުތަކާއެކު އައު ގުޅުމެއް“ މިއެވެ.
މި އަހަރުގެ އެންމެ މުހިންމު އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ ބިމާއި ކަނޑުގެ ސަރަހައްދުގެ %30 ހިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ”30×30“ ގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ކަނޑުގެ ޚާއްޞަ ހިމާޔަތްތެރި ސަރަހައްދުތައް ގާއިމުކުރުމެވެ. މިއަދު އދ. އިން ނެރުނު ތިންވަނަ ”ވޯލްޑް އޯޝަން އެސެސްމަންޓް“ ރިޕޯޓާ ދިމާކޮށް، ސައިންސްވެރިންނާއި ދުނިޔޭގެ ލީޑަރުން މިހާރު މަސައްކަތް ކުރަމުންދަނީ ހަމައެކަނި ކަނޑުތައް ހިމާޔަތްކުރުމުގެ ބަދަލުގައި، ވަގުތު ފާއިތުވުމުގެ ކުރިން ކަނޑުތަކުގެ ދިރުންތައް އަލުން އާރޯކޮށް އިއާދަކުރުމުގެ އަމަލީ މަސައްކަތްތަކަށެވެ.