ރާއްޖޭގެ އެކި ހިސާބަށް މިއަދުވެސް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް އެ އިދާރާއިން ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެކަމަށާއި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. ރާޅު ނަގާނެކަމަށް ލަފާކޮށްފައިވަނީ 4-7 ފޫޓު އުސްމިނުގަައެވެ.
މޫސުން ގޯސްކަމުން، ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިހާރުވެސް ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމަޔަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މެންދުރުފަހު 14:30 އާ ހަމަޔައަށެވެ.