ރަށު ކައުންސިލްތަކާއި ގުޅިގެން ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނުތަކެއް ހިންގުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ ގޮތުން، ދިވެހި ރާއްޖޭގެ މާ ކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެގޮތުން މި މަސްވެރިކަން ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކައް އަމާޒުކޮށްގެން މަސްވެރިކަމާ ބެހޭ ވުޒާރާއިންް ކުރިޔަށްގެންދާ ތަމްރީނެކެވެ.
ހަތަރު ދުވަހުގެ މުއްދަތަކައް ކުރިޔަށް ގެންދާ މި ތަމްރީނުގައި ތިއަރީ ސެޝަންތަކާއި، އަމަލީ ތަޖުރިބާކުރުމުގެ ބައިތަކެއް ހިމެނެއެވެ. އެގޮތުން މި ތަމްރީނުގައި ތުތި ބޯވަދިލަމަސް ބާނާނެގޮތާއި، އޭގެ ވިޔަފާރި ފެށުމާއި ހިސާބު ބެލެހެއްޓުމާއި، ވިޔަފާރިު ފެއްޓުމާއި ވިޔަފާރީގެ ވައްތަރުތަކާއި، މާކެޓްކުރުން އަދި މާކެޓް ސާވޭ ކުރާނެގޮތްތައް ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، ވިޔަފާރީގެ ފައިދާއާއި ގެއްލުން ބެލުމާއި، ވިއްކާ ބާވަތްތައް އަގުމަގު ކުރުމާއި، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމާއި،
ކާބޯތަކެތި ބަންދުކުރުމުގެ މުހިންމުކަމާއި ލޭބަލް ކުރުމުގެ ފައިދާއާއި، ކާބޯތަކެތީގެ ލޭބަލްގައި ހިމެނޭ ބައިތަކާއި، އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ސެޝަންތައް ކުރިޔަށްގެންދަން ހަމަޖެހިފައި ވެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ތުތި ބޯވަދިކަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކުން 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީ މެދުވެރިކޮށް މިނިސްޓްރީއަށް ހުށަހެޅުމަށް އެދޭކަމަށެވެ.