މާލެ އާއި ވިލިމާލެ ފަޅުތެރޭގައި، ހުއްދަ ނުނަގައި ޤަވާޢިދާ ޚިލާފަށް އަޅައިފައި އޮތް 20 އުޅަނދެއް، މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.
ޖޫރިމަނާކޮށްފައިވަނީ ފަޅުތެރެ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށާއި، ޢާންމު އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ކުރިޔަށްގެންދިޔަ އޮޕަރޭޝަނުގައި ފާހަގަކުރެވުނު އުޅަނދުތަކެއްކަމަށް ކައުންސިލުން ބުންޏެވެ.
މި އޮޕަރޭޝަނުގައި، ތެރެއިން ވިލިމާލެ ފަޅުތެރެ ޗެކްކޮށް، ބެލިއިރު، ހުއްދަ ނުނަގައި އަޅައިފައި އޮތް 17 އުޅަނދެއްގައި ސްޓިކާ ޖަހައި ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން، މާލެ ސިޓީގެ ވިލިމާލެ ފެރީގެ ނިޒާމަށް ދަތިވާގޮތަށް މާލެ ދެކުނު ހާބަރު (ސުނާމީ ބިނާ ސަރަހައްދު) ގައި ޤަވާޢިދާ ޚިލާފަށްއަޅައިފައި އޮތް ތިން އުޅަނދެއް ވެސް ޖޫރިމަނާކޮށްފައިވެއެވެ. މި އުޅަނދުތަކުގެ ސަބަބުން ފެރީ ދަތުރުތަކަށް ބުރޫއަރަމުންދާ ކަމުގެ ޝަކުވާ ވަނީ ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން ދަނީ ފަޅުތެރޭގެ ތަރުތީބު ހިފެހެއްޓުމަށާއި، ޤަވާޢިދާ ޚިލާފަށް އުޅަނދު ފަހަރު އެޅުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ފަދަ އޮޕަރޭޝަންތަކަކީ ދޭތެރެ ދޭތެރެއިން ކައުންސިލުން ކުރިއަށް ގެންދާ ކަންކަމެވެ. މާލެ ސިޓީ ކައުންސިލްގެ ހާބަރ އެންޑް މެނޭޖްމަންޓް ސެކްޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ވިލިމާލެ ފުލުހުންގެ ޔުނިޓުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.