ތައިލެންޑްގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ވިޔަފާރި މައުރަޒު، ”ގްރޭންޑް ހަލާލް ބެންކޮކް 2026“ ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ތައިލެންޑްގައި ހުންނާ ދިވެހިރާއްޖޭގެ އެމްބަސީ ގުޅިގެން ބައިވެރިވެއްޖެއެވެ.
މި މަހުގެ 15 އިން 17 އަށް ބެންކޮކް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާ މި މައުރަޒަކީ ހަލުވިކަމާއެކު ކުރިއަރަމުންދާ ދުނިޔޭގެ ހަލާލް އިގްތިސާދުގައި ހުރި އާ ފުރުސަތުތައް ހޯދުމަށްޓަކައި، ދުނިޔޭގެ ހަލާލް އިގްތިސާދުގެ ދާއިރާގައި ހަރަކާތްތެރިވާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ އީޖާދުވެރިންނާއި، ވިޔަފާރިވެރިން އަދި ޑިޕްލޮމެޓުން އެއްތަނަކުން ބައްދަލުކޮށްދޭ ބޮޑު ހަރަކާތެކެވެ.
މި މައުރަޒުގައި މިފްކޯއިން ވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމުން އުފައްދާ، ޕްރީމިއަމް ކޮލިޓީގެ ކަނޑުމަހުގެ އުފެއްދުންތައް ކަމަށްވާ ރަންވަރު ސީރީޒްގެެ ޔެލޯފިން ޓޫނާ ސްޓޭކް އަދި ބަނޑައިދޫ (ބެލީ) ދަޅުތަކާއި، ފަސްމީރު ބްރޭންޑްގެ ތެޔޮ، ފެން އަދި މިރުސްލީ މަސް ދަޅުތައް ދައްކާލާފައެވެ. އަދި މައުރަޒައް ޒިޔާރަތްކުރި ފަރާތްތަކައް މި އުފެއްދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތުވެސް ދިނެވެ.
މިފްކޯއިން ބުނި ގޮތުގައި، ދިވެހި އެމްބަސީއާ ގުޅިގެން މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކުން އާ ވިޔަފާރީގެ ފުރުސަތުތައް ހޯދުމާއި، ރާއްޖޭގެ ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުގެ ސަގާފަތް ދުނިޔެއަށް އިޝްތިހާރު ކުރުމެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ އުފެއްދުންތައް ތަޖުރިބާކޮށް، ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ، މިސްރު، ބަހްރެއިން އަދި ކުވެއިތު ފަދަ އިސްލާމީ ބޮޑެތި ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ. ދިވެހި އެމްބަސީން މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ އެކްސްޕޯޓް އިތުރުކޮށް، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއެކު އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ބޮޑު ބާރެކެވެ.