މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއެއް ހުޅުވައިފިއެވެ.
މިއަދު ހަވީރު ކަނޑުއޮތްގިރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހިކިމަސް ކާރުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް އާއި، ފިޝަރީޒް މިނިސްޓްރީއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ކަނޑުއޮތްގިރި ހިކިމަސް ކާރުޚާނާއަކީ ދުވާލަކަށް 3 ޓަނު ޕްރޮސެސްކުރެވޭ ކާރުޚާނާއެކެވެ. މަސް ކައްކައި ހިއްކުމުގެ އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ގާއިމުކޮށްފައިވާ މި ކާރުޚާނާ ހުޅުވީ ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތް ދެވޭކަން ކަށަވަރުކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގައި، މިފްކޯގެ އެހެން އުފެއްދުންތަކެކޭ އެއްގޮތަށް ކޮލިޓީ ހިފެހެއްޓުމުގެ ހަރުދަނާ ފިޔަވަޅުތަކަކާ އެކުގައިކަމަށް މިފްކޯއިން ބުނެފައި ވެއެވެ.
ހިކިމަސް ކާރުޚާނާގައި މިއަދުން ފެށިގެން ވަޅޯމަހާއި ހިކިމަސް ތައްޔާރުކުރަން ވަނީ ފަށާފައެވެ. މިފްކޯއިން ބުނީ ވަރަށް އަވަހަށް ރިހާކުރާއި މުގުރިމަސް ފަދަ ބާވަތްތައް ވެސް މި ކާރުޚާނާގައި ތައްޔާރުކުރަން ފަށާނެކަމަށެވެ. މިއީ މިފްކޯގެ އޮޕަރޭޝަންތައް ޒަމާނީކުރުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެކުންފުނިން ފާހަގަކޮށްފައި ވެއެވެ.
ދައުލަތުގެ ބޭނުމަކަށް އެމްއެންޑީއެފުގެ ބެލެހެއްޓުމުގެ ދަށަށް ގެންދިއުމަށްފަހު ކަނޑުއޮތްގިރި އަނބުރާ މިފްކޯއާ ހަވާލުކުރެވި އަލުން އޮޕަރޭޝަނަށް ގެނެވުނީ މިއަހަރުގެ ކުރީކޮޅުގައެވެ. މިއަދު ހުޅުވި ހިކިމަސް ކާރުޚާނާގެ އިތުރަށް ކަނޑުއޮތްގިރީގައި ގާއިމުކުރާ ކޯލްޑް ސްޓޯރޭޖް ނިމުމުން، މަހާއި މަހުގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމުގެ މައި މަރުކަޒެއްގެ ގޮތުގައި ކަނޑުއޮތްގިރި ވެގެންދާނެކަމަށް މިފްކޯއިން ބުންޏެވެ.