ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ބ އަތޮޅު ކައުންސިލުން އަލުން ފަށައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު އެކައުންސިލުން ކަނޑު ލައިސަންސް ދޫކުރުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަނޑު ލައިސަންސް ފޮތަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަން ފެށުމާއި ގުޅިގެންނެވެ. އޭރު އެ އިދާރާއިން ބުނީ، ކަނޑު ލައިސަންސްފޮތް އިސްލާހުކޮށް އެއިދާރާއަށް ލިބުނުހާ އަވަހަކަށް ޚިދުމަތް އަލުން ފަށާނެކަމަށެވެ.

އެކައުންސިލުން އިއްޔެ ވަނީ މެދުކަނޑާލެވިފައިވާ ”ކަނޑު ލައިސަންސްގެ ޚިދުމަތް“ ފަށާފައެވެ. އެހެންކަމުން މިހާރު އެކައުންސިލް މެދުވެރިކޮށް ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމުގެ ހުރިހައި ޚިދުމަތެއް ލިބޭނެއެވެ. އޭގެތެރޭގައި އަމަލީ އިމްތިހާން ހެދުމާއި، ލައިސަންސް ފޮތް ދޫކުރުން ހިމެނެއެވެ.