އުތުރުގެ އަތޮޅުތަކަށް މިއަދު ކަނޑު ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މިއަދު ހެނދުނު 08:00 އިން މެންދުރުފަހު 02:00 އާ ހަމަޔަށް އުތުރުގެ އަތޮޅުތަކަށް ނެރެފައިވާ މޫސުމީ ހުދު ސަމާލުގައި ބުނެފައިވަނީ އެއަތޮޅުތަކަށް، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ޢާންމުކޮށް މިއަދު ހުރިހައި ސަރަހައްދަކަށްވެސް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. ރާޅު ނަގާނެކަމަށް ބެލެވެނީ 4-7 ފޫޓު އުސްމިނުގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެއިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.
އެއިދާރާއިން ބުނެފައިވަނީ، ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި މިއަދު ރަނގަޅުވާނެކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ.