ހދ. މަކުނުދޫ އައިސްޕްލާންޓްގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން ފިޝަރީޒް މިނިސްޓްރީގައި އެދިއްޖެއެވެ.
ކައުންސިލްގެ ފަރާތުން މިކަމަށް އެދިފައިވަނީ މިއަދު ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކައުންސިލާ މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަޒްމީ ޢަދުނާއި ސްޓޭޓް މިނިސްޓަރ މުހައްމަދު ނާއިފް ބައިވެރިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި، މަކުނުދޫ އައިސްޕްލާންޓުގެ މަސައްކަތް އަވަސް ކޮށްދިނުމަށް ކައުންސިލުން އެދިފައިވެއެވެ. އަދި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ކައުންސިލުގެ ފަރާތުން ހިއްސާކުރައްވާފައި ވެއެވެ.
ސަރުކާރުން ހދ. މަކުނުދޫގައި އައިސް ޕްލާންޓް ގާއިމުކޮށް އޮޑިފަހަރުތަކަށް އައިސް ދޫކުރަން ފެށީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރުމަކުންދާ މަކުނުދޫގައި އައިސް ޕްލާންޓް ގާއިމްކުރީ ސީ ޓްރެޒަރސް މޯލްޑިވްސް ނަމަކަށްކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ. އޭރު، އައިސް ޕްލާންޓް ހިންގުމާއި ހަވާލުކޮށްފައިވަނީ ވެސް އެކުންފުންޏާއެވެ. އެހެންނަމަވެސް ސަރުކާރުން އައިސް ޕްލާންޓާ ހަވާލުވެ، އެތަން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިއީ، އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށިކަމެއްކަމަށް ފިޝަރީޒް މިނިސްޓްރީން މީގެކުރިން ބުނެފައި ވެއެވެ.