މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެތެރޭގައި ހިމަނައިގެން، ރ. ދުވާފަރުގައި މިއަދު ބޭއްވި މަސްކެނޑުމުގެ މުބާރާތުގެ ފިރިހެނުންގެ ކެޓަގަރީން އަލީ ނައީމް އަދި އަންހެނުންގެ ކެޓަގަރީން އާއިޝަތު އަލީ އެއްވަނަ ހޯދައިފިއެވެ.
އަންހެން އަދި ފިރިހެނުން ވަކި ވަކި ދެކެޓަރީއެއްގެގޮތުގައި ބަހާލައިގެން ކުރިޔަށްގެންދިޔަ މި މުބާރާތުގައި 16 އަންހެނުންނާއި، 10 ފިރިހެނުންް ވާދަކުރިއެވެ. ފިރިހެނުންގެ ކެޓެގަރީގެ ބުރުތައް ގެންދިޔައީ ކޮންމެ ބައިވެރިޔަކުވެސް 2 މަސް ކަނޑާގޮތަށެވެ. އަދި އަންހެނުންގެ ކެޓެގަރީ ކުރިޔަށް ގެންދިޔައީ ކޮންމެ ބައިވެރިއަކުވެސް އެއް މަސް ކަނޑާގޮތަށެވެ.
ވަރަށް ފޯރިއާއެކު، އަދި ވަރަށްވެސް ވާދަވެރިކޮށް ކުރިޔަށްގެންދިޔަ މި މުބާރާތުގެ ފިރިހެން ކެޓެގަރީން އެއްވަނަ ހޯދީ އަލީ ނައީމް އެވެ. އޭނާ ދެ މަސް ކަނޑާ ނިންމާލީ 1 މިނެޓު 49 ސިކުންތުންނެވެ. 2 ވަނަ ދިޔަ އަލީ އިބްރާޙިމް މަސް ކަނޑާ ނިންމާލީ 2 މިނެޓު 2 ސިކުންތުންނެވެ. އަދި އަޙްމަދު އިބްރާޙިމް މުބާރާތުގެ 3 ވަނަ ހޯދީ، 2 މިނެޓު 6 ސިކުންތުން މަސް ކަނޑާ ނިންމާލައިގެންނެވެ.
މުބާރާތުގެ އަންހެން ކެޓެގަރީއަށް ބަލާލާއިރު، 1 މިނެޓު 54 ސިކުންތުގެ ތެރޭގައި މަސް ކަނޑާ ނިންމައިގެން އެއްވަނަ ހޯދީ އާއިޝަތު ޢަލީ އެވެ. 2 މިނެޓު 21 ސިކުންތުގެ ތެރޭގައި މަސްކަނޑައި ނިންމާ މުބާރާތުގެ 2 ވަނަ ހޯދީ ފާތިމަތު އިރުޝާދާއެވެ. އަދި، މުބާރާތުގެ 3 ވަނަ ޚަދީޖާ އިބްރާޙިމް ހޯދީ 2 މިނެޓު 38 ސިކުންތުގެތެރޭގައި ނިންމާލައިގެންނެވެ.
ދެ ކެޓެގަރީންވެސް 1 ވަނަ އަށް ދިޔަ ފަރާތައް މުބާރާތް އިންތިޒާމުކުރި ފަރާތުން 5،000 ރުފިޔާ، ދެވަނަ ހޯދި ފަރާތައް 3،000ރުފިޔާ އަދި ތިންވަނަ ހޯދި ފަރާތައް 2،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މީގެ އިތުރުން އެމްފޯޕީސީގެ ފަރާތުން އެއްވަނައަށް ދިޔަ ފަރާތައް 5،000 ރުފިޔާ، ދެވަނަ ހޯދި ފަރާތައް 2،500 ރުފިޔާ އަދި ތިންވަނަ ހޯދި ފަރާތައް 1500 ރުފިޔާގެ ފައިސާގެ އިނާމު ހަދިޔާއެއްގެ ގޮތުގައި ދިނެވެ. އިނާމުތައް ހަވާލުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ.
މ މުބާރާތުގައި ވީއައިޕީ މަސް ކެނޑުމުގެ ބުރެއްވެސް ކުރިޔަށްދިޔައެވެ. އެބުރުގައި ބައިވެރިވަޑައިގެންނެވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، ކައުންސިލް މިނިސްޓަރު އާދަމް ޝަރީފާއި، އެމްއޭސީއެލް އަދި އެމްޓީސީސީގެ ސީއީއޯ ޑީސީޕީ(ރިޓާޔަޑް) އަހްމަދު ސައުދީއެވެ. އެ ބުރުގައި އެންމެ އަވަހަށް މަސް ކަނޑާ ނިންމާލެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
މުބާރާތް ފެށިގެން ނިމުމާ ހަމަޔަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނާއި، ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސްބޭފުޅުން ބައްލަވާލެއްވިއެވެ.
މީގެ އިތުރުން، މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭއްޖޭގެ އެކި ކަންކޮޅުތަކުން ދުވާފަރަށް ވަޑައިގެންނެވި ބޭފުޅުންނާއި މަސްވެރިންނާއި، ކެޔޮޅުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މުބާރާތް ބަލަން ގޮސް ތިއްބެވެ. އެ މީހުން ދިޔައީ މުބާރާތުގެ ބައިވެރިންނަށް ވަރަށް ޖޯޝާއެކު ހިތްވަރު ދެމުންނެވެ. މުބާރާތް ނިމެންދެން މުޅި ސަރަހައްދު އޮތީ ސަޕޯޓަރުންގެ އަޑުން ގުގުލާމާފައެވެ.