ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް، ކަނޑު ދަތުރުކުރާ ފަރާތްތަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފްއިން މިފަދައިން އިލްތިމާސްކޮށްފައިވަނީ،، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށް އިރުޝާދު ދިނުމުގެ ގޮތުންނެވެ. އެންއެންޑީއެފްއިން ބުނީ، ޚާއްޞަކޮށް މުޅި ރާއްޖެއަށް ވިއްސާރަވެ، ވިލާގަނޑުގައި 50 މޭލަށް ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކުރާކަމަށެވެ.
އެމްއެންޑީއެފްގެ އިލްތިމާސްގައި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރައްވާ އިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައި ވެއެވެ. އަދި، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުުގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.
ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ހުޅަނގު މޫސުމްގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.