ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ”އެންމެން މޫދަށް“ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން އެންމެން އެއްގަޑިއެއްގައި މޫދަށް އެރި އެކި ކަހަލަ މޫދުކުޅިވަރުތައް ކުޅޭގޮތަށް އިންތިޒާމުކުރި މިހަރަކާތުގައި ގިނަ ރަށްތަކަކުން ބައިވެރިވެފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
މުޅި ރާއްޖެ އެކުގައި އެއް ރޫހެއްގައި ޝާމިލުވެ، ބާއްވާ އެންމެ މުހިންމު ހަރަކާތް ”އެންމެން މޫދަށް“ މި ހަރަކާތް ފަށާފައި ވަނީ ކަނޑުތަކުގެ ދުވަސް ފަހަގަ ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި މޫދު ފެސްޓުގެ ތެރެއިންނެވެ. މި ހަރަކަތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެޗްޑިސީ ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރަށް މިނިސްޓްރީގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ހަރަކާތަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ގިނަ ރައްޔިތުން ގުޅިގެން، ރާއްޖޭގެ ކަނޑުފަޅުތަކުގެ މުހިންމުކަން ފާހަގަ ކުރުމަށް ހިންގާ ވަރަށް ޚާއްޞަ ހަރަކާތެކެވެ.
މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ”އޯޝަން ފެސްޓިވަލް‘ ގެ ނަމުގައި ޚާއްޞަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ. ހުޅުމާލޭ ދިރާގު ބީޗު ސަރަޙައްދުގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 17:30 އަށް ކުރިޔަށްދާ މި ފެސްޓުގައި، ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއި، އެކި އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތައްވެސް ބެހެއްޓިފައި ހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.