މިރެއާ މާދަމާވެސް ކަނޑުތައް ވަރަށް ގަދަވާނެކަަމަށް ބެލެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ނެރުނު މޫސުމީ ސަމާލުގައި ބުނެފައިވަނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވޭތުވެދިޔަ 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހިފައިވާކަމަށެވެ. އަދި މި ވިއްސާރައިގައި މިރެއާއި، މާދަމާ ޚާއްސަކޮށް އުތުރުާއި މެދުރާއްޖެތެރޭ އަތޮޅުތަކުގައި އާންމު ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ބެލެވޭކަމަށް އެއިދާރާއިން ބުނެފައި ވެއެވެ.
އެހެންކަމުން، ހުރިހައި ފަރާތްތަކުން ވަކިން ޚާއްސަކޮށް މެދުރާއްޖެތެރެއާއި، އުތުރުގެ އަތޮޅުތަކުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރުވެސް އޮތީ އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފައެވެ. މިރޭ 11:00އާ ހަމަޔަށް ހއ އަތޮޅުން ފެށިގެން ރ އަތޮޅަށް އަދި ވ އަތޮޅުން ފެށިގެން ތ އަތޮޅު ހިމެނޭ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެކަމަށް ލަފަކޮށްނެވެ.