މަސްވެރިކަމުގައި ބާނާ ބާވަތްތަކާއި އެބާވަތްތަކުގެ މިންވަރަކީ މަސްވެރިކަމުގެ ސަބަބުން އެ މަސްވެރިކަން ބަރޯސާވާ އާބާދީއަށް އަންނަމުންދާ ބަދަލުތައް އެނގި، އާބާދީގެ މިންވަރު ހިސާބުކޮށް، އެ މަސްވެރިކަމެއް ކުރެވެނީ އާބާދީއަށް ގެއްލުން ނުވާ، ދެމެހެއްޓެނިވި މިންވަރެއްގައިކަން ކަށަވަރުކުރުމަށް ބޭނުންކުރެވޭ މައިގަނޑު މަޢުލޫމާތެވެ. މަސްވެރިކަމުގެ ތަފާސްހިސާބު ނެގުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ، މަސްވެރިކަމުގެ ލޮގްފޮތް ނުވަތަ މަސްރިޕޯޓެވެ. މަސްރިޕޯޓަކީ މަސްވެރިކަމުގެ ކޮންމެ ދަތުރެއް ނިންމުމަށްފަހު އެ ދަތުރުގައި ހިފި ބާވަތްތަކާއި އެ ބާވަތްތައް ހިފުމަށް ކުރެވުނު ހޭދައިގެ (އެފަރޓް) މަޢުލޫމާތު، މަސްވެރިކަން ރާވައި ހިންގައި ބަލަހައްޓާ ފަރާތްތަކަށް ފޯރުކޮށްދޭ ނިޒާމެވެ. މީގެ އިތުރުން، އެންވެރިކަމާއި މަސްވެރިކަމުގައި ހޭދަ ކުރެވުނު ތެލުގެ މިންވަރު އަދި މަސް ބޭނި ސަރަޙައްދުތައް ފަދަ އިތުރު މަޢުލޫމާތުވެސް ލޮގްފޮތް މެދުވެރިކޮށް ނެގޭނެއެވެ.
މީގެ އިތުރުން، މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުންނާއި، މިފަދަ އުފެއްދުންތަކުގެ ވިޔަފާރިއާގުޅޭ ގޮތުން ވެސް ތަފާތު މަޢުލޫމާތު އެއްކުރެވެއެވެ. މި ހުރިހައި މަޢުލޫމާތަކީވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށްޓަކައި އަދި މަސްވެރިކަމުގެ ނަފާ ދާއިމަށް ލިބިދިނުމަށްޓަކައި، މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމަށް ބޭނުންކުރެވޭ މަޢުލޫމާތެވެ.
މިގޮތުން، ފަރުމަހުގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެރިކަމުގެ ވިޔަފާރީގެ މަޢުލޫމާތު އެއްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކޮށް، އަންނަނިވި ފަރާތްތަކުން މިނިސްޓްރީއަށް މަޢުލޫމާތު ފޮނުވުން ލާޒިމުކުރެވޭނެއެވެ.












